ހުރިހާ ދާއިރާތަކުގެ ޒުވާނުންގެ ބައިވެރިވުމާއެކު ގައުމީ ޒުވާނުންގެ ކޮންފަރެންސް އަންނަ ހޯމަ ދުވަހު ފަށަން ނިންމައިފި އެވެ.
މިއީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓް ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ކޮންފަރެންސެކެވެ.
ޔޫތު މިނިސްޓްރީން ބުނި ގޮތުގައި، މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 22 އަދި 23 ވަނަ ދުވަހު، މާލޭގައި ހުންނަ ޔޫތު ހަބްގަ އެވެ. އަދި މި ކޮންފަރެންސްގައި އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ޔޫތު މިނިސްޓްރީން ބުނީ، މިއަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެ ކަންބޮޑުވުންތަކަށް ވަށާޖެހޭ ހައްލެއް ހޯދުމާއި، ޒުވާނުންގެ ގައުމީ ސިޔާސަތެއް އުކުލަވާލުމަށްޓަކައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން، ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުން ކަމަށެވެ. އެގޮތުން ޖުމްލަ 6 މައުޟޫއަކަށް ބަހާލައިގެން މި ކޮންފަރެންސްގައި ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ނޭޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތުދެ އެވެ.