ވޭޕް މަނާކުރި ތާރީހުން ފެށިގެން މިހާތަނަށް 73،000 އަށްވުރެ ގިނަ ވޭޕް އަތުލައިގެންގައިވާކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވެއްޖެ އެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާތަކުގެ މަސައްކަތްތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިޔާނާ ވިދާޅުވީ، ކަސްޓަމްސްއިން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތަކީ، ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާ މުދާ އެތެރެވުން ހުއްޓުވުން ކަމަށެވެ. އެގޮތުން، ރާއްޖެއަށް ވައިގެމަގުން އެތެރެވާ މުދާ ޕަރޮފައިލްކޮށް، ހައި ރިސްކް ކޮންސައިންމެންޓްތައް ފާހަގަކޮށް، އެފަދަ މުދާ ބަލާ ފާސްކުރުން ހަރުދަނާކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު އެކަމަށް ހާއްސަ ޔުނިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ ގާއިމްކޮށްފައިވާ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.
ދިޔާނާ ވިދާޅުވީ ވޭޕް މަނާ ކުރި ތާރީހުން ފެށިގެން މިހާތަނަށް 185 މައްސަލައެއްގައި، 73،000 އަށްވުރެ ގިނަ ވޭޕް އަތުލައިގަނެފައިވާކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި، ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކުރަން އުޅުނު، 24 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ސްޓިކްވެސް އަތުލައިގަނެފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މި ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ކަސްޓަމްސްއިން ވަނީ މާލެ ކޮމާޝަލް ހާބަރުގައި ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ވޭޕްގެ ބޮޑު ސިޕްމަންޓެއް އަތުލައިގެންފަ އެވެ. އެ އޮޕަރޭޝަންގައި ބަލައިފާސްކުރި ޝިޕްމަންޓުގެ ތެރެއިން ޖުމްލަ 10،800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔައިރު، މިއީ ވޭޕް މާނާކުރި ފަހުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި އެންމެ ބޮޑު ވޭޕް ޝިޕްމަންޓްކަން ފާހަގަކޮށްލެވެ އެވެ.
ވޭޕް އަދި ވޭޕް ކާޓްރިޖަކީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ތަކެއްޗެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި، ވައިގެ މަގުންނާއި ކަނޑުގެ މަގުން އެތެރެކުރާ މުދަލަށް އަމާޒުކޮށްގެން ކަސްޓަމްސްއިން 40،000 އަށްވުރެ ގިނަ އޮޕަރޭޝްން ހިންގައި، 37 އުޅަނދެއް ބަލައި ފާސްކޮށްފައިވެ އެވެ.