ދަންވަރު އާންމު ތަންތަނުގައި އުޅޭ ބިދޭސީން ހުއްޓުވައި ބަލައިފާސްކުރުމަށް ސަރުކާރުން ނިންމުމާ މެދު ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހުގެ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ރޭގަނޑު 12:00 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާނަމަ އެކަން ކުރުމަށް ފުލުހުންނަށް އަންގަވާފަ އެވެ. އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ކޮންމެ ރެއަކު ދަންވަރު 12:00 އިން ފެށިގެން ހެނދުނު 6:00 އަށް މަގުމަތީގައި އުޅޭ ބިދޭސީން ބަލައިފާސްކުރުމުގެ މަސައްކަތް، މާލެ އާއި ހުޅުމާލެ އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދާނެ ކަމަށެވެ.
މި ނިންމުމާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މިއީ ވަކި ބަޔަކަށް ތަފާތުކުރުމުގެ އަމަލެއް ކަމަށާއި، މިކަމުގެ ސަބަބުން ގާނޫނުއަސާސީން ލިބިދޭ ހައްގުތަކާއި އިންސާނީ ހައްގުތައް ވެސް ހަނިވާ ކަމަށެވެ. އެގޮތުން، އޭގެ ސަބަބުން ބިދޭސީން މިނިވަންކަމާއެކު އެއްތަނުން އަނެއް ތަނަށް ދިއުމުގެ ހައްގަށް އަރައިގަނެވޭކަމަށް ވެސް ޓްރާންސްޕޭރަންސީން ބުނެފައިވެ އެވެ.
މީގެއިތުރުން، މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ބިރުވެރިކަން އުފެދި، އެ މީހުންނާއި ދެކޮޅު އަޑުތައް ގަދަވެ، އެ އަޑުތަކާއި އަމަލުތަކަށް ހިތްވަރު ލިބި، ގާނޫނު ނެގެހެއްޓުމަށް ގޮންޖެހުން ކުރިމަތިވާނެ ކަމެއް ކަމަށް އެ ޖަމިއްޔާއިން ސިފަކުރެ އެވެ.
އެހެންކަމުން ބިދޭސީ މަސައްކަތްތެރިންނަކީ ކުށްވެރިންގެ ގޮތުގައި ސިފަކުރުން ހުއްޓާލައި، އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ޓްރާންސްޕޭރަންސީގެ ބަޔާނުގައި ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. އަދި ދަންވަރު ބޭރުގައި އުޅޭ ބިދޭސީންނާ މެދު އަމަލުކުރަން ނިންމާފައިވާ ގޮތާ ގުޅިގެން އެ ފަރާތްތަކުގެ އިންސާނީ ހައްގުތަކަށް އުނިކަން ލިބި، އެކަމުގައި ގާނޫނީ ފުށުއެރުންތައް ހުރުމުން، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޓްރާންސްޕޭރަންސީން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާއި ބަންޑާރަނައިބުގެ އޮފީހަށް ގޮވާލާފަ އެވެ.
ސަރުކާރުގެ މި ނިންމުމަކީ ރޭސިސްޓް ނުވަތަ ނަސްލީ ތަފާތުކުރުމުގެ އަމަލެއްގެ ގޮތުގައި ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޓީޗަރުންނާއި ނަރުހުންގެ މަސައްކަތުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާއާ ހަމައަށް ރާއްޖޭގެ އެކި ސިނާއަތްތަކާއި ދާއިރާތަކުގައި ބިދޭސީންގެ ދައުރާއި މަސައްކަތް ބޮޑުކަމާއި މިއީ އެމީހުންނަށް ވެސް ވެވޭ ބޭއިންސާފެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.