ތޫފާން ޑިޓުވާގެ ސަބަބުން ގެއްލުންވި ލަންކާގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން އޮފް މައިގްރޭޝަން (އައިއޯއެމް) މެދުވެރިކޮށް ޖަޕާނުން ސްރީލަންކާއަށް 1 މިލިއަން ޑޮލަރުުގެ ތަކެތީގެ އެހީއެއް ދީފި އެވެ.

ޖަޕާނުން ލަންކާއަށް އެއް މިލިއަން ޑޮލަރުގެ ތަކެތީގެ އެހީއެއް
ޖަޕާނުން ލަންކާއަށް އެއް މިލިއަން ޑޮލަރުގެ ތަކެތީގެ އެހީއެއް

މި އެހީ ލަންކާއަށް ހަވާލުކޮށްފައިވަނީ ޑިސެމްބަރު 19 ވަނަ ދުވަހު ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަޕާނުގެ ސަފީރު އަކިއޯ އިސޮމާޓާ އަދި އައިއޯއެމް ސްރީލަންކާގެ މިޝަންގެ ޗީފް ކްރިސްޓިން ޕާކޯ އެވެ. މި އެހީއާ ލަންކާގެ ފަރާތުން ހަވާލުވެވަޑައިގަތީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރ ޗަތުރާ ލިޔަނަރައްޗީ އެވެ.

މި އެއް މިލިއަން ޑޮލަރުގެ ތަކެތީގެ އެހީއަކީ ޑިސެމްބަރު 16 ގައި ޖަޕާނު ސަރުކާރުން ސްރީލަންކާ ސަރުކާރަށް ދިނުމަށް ނިންމި ޖުމްލަ 2.5 މިލިއަން އެމެރިކާ ޑޮލަރުގެ ކުއްލި އެހީގެ ބައެކެވެ. ޖަޕާނުން މި އެހީ ދީފައިވަނީ އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އޮފް މައިގްރޭޝަންގެ އިތުރުން ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އަދި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) ފަދަ އދ ގެ ޖަމިއްޔާތަކާ ގުޅިގެންނެވެ.

އައިއޯއެމް މެދުވެރިކޮށް ޖަޕާނުން މި ދިން އެހީއިން ކެންޑީ، ބަޑުއްލާ އަދި ކެގާލޭގައި ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބުނު ގޭބިސީތަކަށް 615 ހިޔާވަހިކަމުގެ އެހީ ފޯރުކޮށްދޭނެއެވެ. މި އެހީގެ ތެރޭގައި ކިޗަން ކިޓް، ވޮޝް ކިޓް އަދި ބެޑިން ކިޓް ހިމެނެ އެވެ.

ލަންކާއަށް އެހީ ހަދިޔާކޮށްދެނީ

ލަންކާގެޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ރިޕޯޓަށް ބަލާއިރު، 66،000 އަށް ވުރެ ގިނަ މީހުންނާއި 22،000 އަށް ވުރެ ގިނަ އާއިލާ މިހާރުވެސް ދިރިއުޅޭނެ ގޯއްޗެއް ނެތި ސަލާމަތީ މަރުކަޒުތަކުގައި ދިރިއުޅެމުންދެ އެވެ. މީގެ އިތުރުން، 100،000 އަށް ވުރެ ގިނަ ގެތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، 6،000 އަށް ވުރެ ގިނަ ގެ ވަނީ މުޅިން ހަލާކުވެފައެވެ.

މިފަދަ ނާޒުކު ހާލަތެއްގައި ލަންކާގެ އެތައް އާއިލާއެއް ތިބިއިރު ޖަޕާނުގެ މި އެހީގެ ސަބަބުން ގެތައް ގެއްލިފައިވާ މީހުންނަށް މިވަގުތަށް ކޮންމެވެސް މިންވަރެއްގެ އެހީއެއް ލިބިގެންދާނެ ކަމަށް ޖަޕާނުން ދެކެ އެވެ.

މީގެ ކުރިންވެސް ޖަޕާނުން ލަންކާއަށް އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ސާމާނު ފޯރުކޮށްދީފައިވެ އެވެ.