"ނިއު އިޔަރ ފެސްޓިވަލް" އަށް ސްޓޯލް ކުއްޔަށް ދޫކުރަން ނިންމައި އެކަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފި އެވެ.
އެޗްޑީސީ އިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ ހުޅުމާލެ ފިޔަވަހި 1 އަދި ފިޔަވަހި 2 ގުޅޭ ޗެނަލް ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނިއު އިޔަރ ފެސްޓިވަލް" އިން ސްޓޯލް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ މީހުންނަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އޮންލައިންކޮށް ފޯމު ހުށަހަޅާ މީހުންނަށް "ފަސްޓް ކަމް- ފަސްޓް ސާވް" ގެ އުސޫލުން ޝަރުތު ފުރިހަމަވާ މީހުންނަށް، ސްޓޯލް ހިންގުމަށް ކުއްޔަށް ދޭނެކަމަށް އެޗްޑީސީ އިން މައުލޫމާތުދެ އެވެ. އެހެންކަމުން މި ސްޓޯލްތައް ލިބިގެންދާނީ އެންމެ ފުރަތަމަ ސްޓޯލްތަކަށް އެދޭ މީހުންގެ ތަރުތީބުންނެވެ.
"ނިއު އިޔަރ ފެސްޓިވަލް" އިން ސްޓޯލް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހެޅުމަށް 22 ޑިސެމްބަރު ވާ އާދިއްތަ ދުވަހުގެ 12:00 އިން ފެށިގެން 23 ޑިސެމްބަރު ވާ ހޯމަދުވަހުގެ 12:00 އަށް ހުޅުވާލެވޭނެކަމަށް އެޗްޑީސީ އިން ބުނެ އެވެ. އަދި ޝައުގުވެރިވާ ފަރާތްތަކަށް އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެޗްޑީސީގެ ވެބްސައިޓުގައި ފޯމުގެ ލިންކު ޝާއިއު ކުރެވިގެންދާނެކަމަށް އެޗްޑީސީ އިން ބުނެފައިވެ އެވެ.
މީގެ އިތުރުން ސްޓޯލް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު އާންމުކޮށްފައިވާ އިއުލާނާއެކު އެޗްޑީސީގެ ވެބްސައިޓު /https://www.hdc.mv އަދި https://properties.hdc.mv/ ގައި ޝާއިއުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ ކަމަށާއި އިތުރު މައުލޫމާތު ހޯދުމަށް އެޗްޑީސީ ގެ ނަންބަރު 1516 އަށް ގުޅުމަށް އެޗްޑީސީ އިން މައުލޫމާތުދީފައިވެއެވެ.