ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮއްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއްކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 38 އަހަރުގެ ޗެންގް ޖިއާ ކަމަށެވެ.

މިމީހާ ކަނޑަށް ވެއްޓިފައިވަނީ 2025 ޑިސެންބަރު 18 ވަނަ ދުވަހުގެ 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި އެވަގުތު އެ މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޯސްޓްގާރޑުން މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެ ދުވަހު 13:32 ހާއިރުކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.