ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 'އުރީދޫ ފަން ރަން 2025' އާ ގުޅިގެން، އިވެންޓް ކުރިއަށްދާ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތައް ފުލުހުން އިއުލާންކޮށްފައެވެ.

ޓްރެފިކަށް ގެނެވޭ ބަދަލުތައް ފެށިގެންދާނީ ޑިސެންބަރު 19 ވަނަ ދުވަހުގެ ހަވީރު 15:30 ގައެވެ. މި ބަދަލުތައް ދެމިގެންދާނީ އިވެންޓް ނިމެންދެނެވެ.

މި ބަދަލުތަކުގެ ސަބަބުން އިވެންޓް ކުރިއަށްދާ ސަރަހައްދުގެ މަގުތަކުގައި އުޅަނދު ދުއްވުމަށް ވަގުތީ ގޮތުން ހުރަސްތަކެއް ކުރިމަތިވެ، ބައެއް މަގުތައް ބަންދުކުރެވޭނެއެވެ.

އުރީދޫ ފަން ރަންގެ އިވެންޓުތައް ފެށިގެންދާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ ކުޑަކުދިންގެ ޚާއްސަ ހަވީރަކުންނެވެ. އަދި މިއުޒިކް ޝޯ އޮންނާނީ މާދަން ރޭ 8:00 އިން ފެށިގެން މެންދަމު 12:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މިއުޒިކް ޝޯގައި ޕާފޯމްކުރާނެ ބޭންޑުތަކުގެ ތެރޭގައި ހަބޭސް ބޮޑުބެރު، އިކުއެޓިކް ވައިބް، ސިމްބޮލިކް ރިކޯޑްސް އަދި ޓްރެފިކް ޖޭމް ފަދަ މަޝްހޫރު ބޭންޑްތައް ހިމެނެއެވެ. އުރީދޫއިން ފާހަގަކުރިގޮތުގައި، މި ބޭންޑްތަކުގެ މިއުޒިޝަނުން ވަނީ ލިމިޓެޑް އެޑިޝަން ޓީޝާޓުތަކުގައި ސޮއިކޮށްފައެވެ.