ކުރިއަށް އޮތް 3 ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީސްއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުން މިދަނީ އިރުވައި މޫސުން ފެށިގެން ކުރާ ވިއްސާރަކަމަށެވެ.

އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށް މެޓްއިން މައުލޫމާތުދީފައިވެއެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓް އޮފީސްއިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މެޓް އޮފީސްއިން ބުނީ ކުރިއަށްއޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް، އުތުރާއި އިރުއތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

ހަމަ މިއާއެކު އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނަޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީސްއިން ފާހަކޮށްފައިވެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އިން މައުލޫމާތުދީފައިވެއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީސްއިން ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން މެޓް އޮފީސްއިން ބުނީ، ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 2-5 ފޫޓު އަދި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 3-6 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށެވެ.

ހޯމަ ދުވަހުން ފެށިގެން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން އަލިވާން ފަށާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީސްއިން ބުނެއެވެ. މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ މެޓް އޮފީސް އިން ވަނީ އިލްތިމާސްކޮށްފައެވެ.