ސްކޫލް ބަންދާއި އައު އަހަރާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
ފުލުހުން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ "ސްކޫލް ހޮލިޑޭ ސޭފްޓީ އެންޑް ސެކިއުރިޓީ 2025" އަދި "ކޮމިއުނިޓީ ސޭފްޓީ ޕަލްސް ޗެކް"ގެ ނަމުގައިކަމަށެވެ.
މި ހަރަކާތަކީ ޗުއްޓީ ދުވަސްވަރު ހިނގާ އެކި ބާވަތުގެ ކުށްތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދެވުނު ހަރަކާތެއްކަމަށް މާލެ ފޮރޮންޓު ލައިން ޕޮލިސިން ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު މައުލޫމާތުދީފައިވެއެވެ.
ސުކޫލް ބަންދާއި ގުޅިގެން މާލެއިންވެސް އަތޮޅުތަކުގެ އެކި ރަށްރަށަށް ގިނަ ބަޔަކު ދަތުރުކުރާކަމަށާއި، މިގޮތަށްދާއިރު ވަކި ކުށްތަކެއް އިތުރުވަމުންދާކަމަށް ފާހަގަކުރައްވާ ރަޝީދު ވިދާޅުވީ އެކަމަށް ދުރާލާ ވީހާވެސް ގިނަ ބަޔަކަށް ސަމާލުކަން ދޭންވީ ކަންކަން މި ޕްރޮގްރާމުގެ މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެވިގެންދިޔަކަމަށެވެ.
މީގެ އިތުރުން މާލޭގެ އެކި ސަރަޙައްދުތަކުގައި ފުލުހުންގެ އެކި ޓީމުތައް ހަރަކާތްތެރިވިއިރު އެޓީމުތަކުން ރައްޔިތުންނާއި ބައްދަލުކޮށް ސަމާލުކަން ދޭން ޖެހޭ ކަންކަމާގުޅޭގޮތުން މައުލޫމާތު ހިމެނޭ ލީފްލެޓްތައް ބަހާފައިވާކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު މާލޭގެ 3 ޕޮލިސް ސްޓޭޝަންގެ ހެޑުން މާލޭގެ 3 ސަރަހައްދެއްގައި ސްޓޭޝަންވެގެން ތިބެ ރައްޔިތުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ގާތުން މައުލޫމާތު ފޯރުކޮށްދީފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ.
މި ހަރަކާތުގައި މާލެ ޕޮލިސް، ކްރައިމް ޕްރިވެންޝަން، ސްކޭމް ސެންޓަރ، ނެއިބަރ ހުޑް ޕޮލިސް، ޓްރެފިކް ޕޮލިސް ހިމެނޭހެން 400 ފުލުހުން ވަނީ ބައިވެރިވެފައިވާކަމަށާއި މި ހަރަކާތް މާލޭގެ 48 ސަރަހައްދެއްގައި ވަނީ ކުރިއަށް ގެންގޮސްފައިކަމަށް ފުލުހުން މައުލޫމާތުދިފައިވެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ހިނގަމުންދާ އެކި މައްސަލަތަކާ ގުޅިގެން، އެކަންކަމަށް އާއްމުން ހޭލުންތެރިކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުންވެސް އަންނަނީ ތަފާތު އެކި މަސައްކަތްތައް ކުރަމުންކަން ފާހަގަކުރެވެއެވެ