ސައިން ލެންގުއޭޖް ތަމްރީނުވެރިޔާ މިސް ފަޒްނީއާއެކު "ހޭންޑްސް ޓޯކް"ގެ ނަމުގައި ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ކްލިކް ކޮލެޖުން ނިންމައިފި އެވެ.

މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 20 އަދި 21 ގައި ކްލިކް ކޮލެޖް ހޯލުގައެވެ. "ހޭންޑްސް ޓޯކް"ގެ ބޭނުމަކީ ޝާމިލު ނުވަތަ އިންކްލޫސިވް މުޖުތަމައުއެއް ބިނާ ކުރުމަށް އެންމެންނާ ގުޅިގެން އުޅެވޭނެ އަދި މުއާމަލާތް ކުރުމަށް ޒުވާނުން ތަމްރީން ކުރުމެވެ

މި ސެޝަންތައް އިފްތިތާހުކޮށްގައިވަނީ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުއެވެ. ސައިން ލެންގުއޭޖުގެ ތަމްރީންވެރިޔަކާއެކު މި ސެޝަން ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ ޚާއްސަކޮށް އަޑު އިވުމުން މަހްރޫމުވެފައިވާ މީހުންނަށް ކުރިމަތިވާ މުއާމަލާތުގެ ހުރަސްތައް ނައްތާލުމާއި، އެފަދަ މީހުން މުޖުތަމައުގެ ތެރޭގައި ޝާމިލް ކުރުމާއި އެމީހުންނަށް ދޭންޖެހޭ އަޅާލުމުގެ މުހިންމުކަން ފާހަގަކުރުމެވެ.

މި ސެޝަން ތައްޔާރުކުރެވިފައިވަނީ ވަރަށް ހަރަކާތްތެރި ކްލާސްތަކެއްގެ ގޮތުގަ އެވެ. މި ސެޝަންގައި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ އެވެ. މި ސެޝަންގައި ބައިވެރިވުމަށް ހުރިހާ އެންމެންނަށް ވެސް ފުރުސަތު އޮތީ ހުޅުވާލާފަ އެވެ. އެހެންނަމަވެސް މި ސެޝަންތައް ޓާގެޓް ކޮށްފައިވަނީ މައިގަނޑު ގޮތެއްގައި ޒުވާނުންނަށް، ޚާއްސަކޮށް އޯލެވެލް ނިންމާފައިވާ ދަރިވަރުންނަށާއި އަލަށް ސްކޫލް ނިންމި ދަރިވަރުންނަށެވެ.

ސެޝަންގައި ސައިން ލެންގުއޭޖްގެ އަސާސްތައް ކިޔައިދީ އަމަލީ ގޮތުން ސައިން ލެންގުއޭޖް ދަސްކުރުމަށް ބާރު އަޅާނެ އެވެ. މިކަމުގެ ސަބަބުން ބައިވެރިންނަށް އާންމު ދިރިއުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ފަސޭހަކަމާއެކު މުއާމަލާތުކޮށް ގުޅުންބަދަހިކުރުމަށް ދަސްކޮށްދެވޭނެ އެވެ.

މިހާތަނަށް މި ސެޝަންގައި ގާތްގަނޑަކަށް 100 ބައިވެރިން ރަޖިސްޓަރީވެފައިވާކަމަށް އެ ކޮލެޖުން ބުނެ އެވެ. މިކަމުން ދައްކުވައިދެނީ ޒުވާނުންގެ މެދުގައި އިޖުތިމާޢީ ހޭލުންތެރިކަން އިތުރުވަމުންދާކަން ކަމަށާއި ހުރިހާ އެންމެން ޝާމިލްކުރުމުގެ އާދަތަކަށް ތާއީދުކޮށް އެކަންކަން ދަސްކުރުމަށް ޒުވާނުން ބޭނުންވާ މިންވަރުކަން ކަމަށް އެ ކޮލެޖުން ބުނެ އެވެ.

ކްލިކް ކޮލެޖުން ބުނީ 'ހޭންޑްސް ޓޯކް'އަކީ ހަމައެކަނި އައު ހުނަރެއް ދަސްކުރުމަށްވުރެ މާ ބޮޑު ކަމެއް ކަމަށެވެ. މި ސެޝަންގެ މަގްސަދު ކްލިކް ކޮލެޖްގެ މިޝަންއާ އެއްގޮތްވާ ކަމަށް އެ ކޮލެޖުން ބުނެ އެވެ. އެއީ ޒުވާނުންނަށް އިލްމާއި ހިލްމު ފޯރުކޮށްދީ އަދި އަމަލީ ތަޖުރިބާ ދިނުމަކީ ކޮލެޖުގެ މިޝަންއަކަށް ވާއިރު މި ސެޝަންގެ މަގްސަދަކީ ވެސް އެއީ ކަމަށް ކޮލެޖުން ބުނެ އެވެ.

މި ސެޝަންގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަށް ކޮލެޖުން އެދިފައިވެ އެވެ. މި ސެޝަންގައި ބައިވެރިވުމަށް https://forms.gle/3pTj8rTNUHBJpfKA7 ލިންކު މެދުވެރިކޮށް ފޯމު ފުރޭނެ އެވެ. އަދި 7728019 ގުޅައިގެން ވެސް މި ސެޝަންގައި ރަޖިސްޓްރީ ކުރެވޭނެ އެވެ.