ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 2 އޭޓީއެމް ބަހައްޓައި، ޚިދުމަތް ދޭން ފަށައިފިއެވެ.

ދެވަނަ ފިޔަވަހީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި، ބީއެމްއެލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހިޔާ ފްލެޓް ޓަވަރު 6 އަދި 7 ގެ ދެމެދުގައި ހުޅުވާފައިވާ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ހަމަ މިއާއެކު މި އޭޓީއެމުން ޑޮލަރުގެ ޚިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައިކަމާއި އެންމެ 9 މަސް ދުވަސް ތެރޭގައި، ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.