ހުޅުމާލެ 3ވަނަ ފިޔަވަހިން ދޫކުރި ގޯތިތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހު އޮންނާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ބުނެފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލުކޮށްފައިވާކަމަށެވެ.
އެގޮތުން ގުރުއަތުލުން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ކަލާފާނު ސްކޫލުގައި ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ. އަދި ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށްދާ މީހާގެ ހާޒިރުގައި އެ ވުޒާރާގެ މުވައްޒަފުން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ގުރުއަތުލުން ކުރިއަށްދާއިރު، ގުރުއަތުލުން ކުރިއަށްދާ ހޯލަށް ވަދެވޭނީ ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ގުރުއަތުލުމަށް ދާ މީހާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިއުމަށްވަނީ އެދިފައެވެ.
ހަމަމިއާއެކު ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލްއިން ފެންނަން ހުންނާނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 1351 ވަނީ ދޫކޮށްފައެވެ.
މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ގެނައުމަށް 5 ސަރަޙައްދަކުން 1600 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން ހުޅުމާލެ 3 ވަނަ ފިޔަވަހީގައި މިހާތަނަށް 31.5 ހެކްޓަރުގެ ބިން ވަނީ ހިއްކާފައިވާކަން ފާހަގަކުރެވެއެވެ.