ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިވަގުތު ބަންދުން ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝަމްއާން މިވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ މިދިޔަ މާޗް މަހު އެވެ. އޭގެ ފަހުން މިހާތަނަށް ވެސް ޝަމްއާން ހުރީ ބަންދުގަ އެވެ.

ޝަމްއާން ބަންދު މުރާޖައާ ކުރަން އެދިފައިވިޔަސް، އިއްޔެ ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ނިންމީ މިވަގުތު ބަންދުން ދޫނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމުން ޝަމްއާން ދޫކޮށްލަން އިއުތިރާޒެއް ނުކުރާނެ ކަމަށް ދައުލަތުން އަޑުއެހުމުގައި ބުނެފައިވެއެވެ.

އެ މައްސަލާގައި ޝަމްއާންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ ކުރާއިރު، އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އަދި މީގެ ކުރިން ބައެއް ހެކިންގެ ހެކިބަސް ވަނީ ނަގައިފަ އެވެ. ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަހުގެ ސަބަބުން ޝަމްއާން މައުސޫމްކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ބުދަ ދުވަހު އޮތް އަޑުއެހުމުގައި ދެ ހެއްކެއްގެ ހެކިބަސް ނަގާފައިވާއިރު، އެއް ހެއްކެއްގެ ގޮތުގައި ހާޒިރުވީ އިމިގްރޭޝަންގައި މިވަގުތު ވެސް ވަޒީފާގައި ހުރި ފަރާތެއްކަމަށްވާ ޢަހްދުﷲ ސިރުފާނެވެ.

ސިރުފާންއާ ސުވާލުކުރުމަށް ކޮންޓްރޯލަރއަށް ލިބުނު ފުރުސަތުގައި ސުވާލުކުރައްވަމުން ގޮސް، ސަރުކާރުގެ ހޯމްލޭންޑް މިނިސްޓަރާ ގުޅިގެން ކުރި ސުވާލަށް ސިރުފާން ޖަވާބުދިނުމުގެ ކުރީގައި ޝަރީއަތް ކުރައްވަން އިންނެވި ފަނޑިޔާރު ވަނީ އެ ސުވާލުގެ ޖަވާބު ހުއްޓުވާފައެވެ. އަދި ދައުލަތުންވެސް އެ ސުވާލަށް އޮބްޖެކްޓްކުރައްވާފައިވެއެވެ.

ސިރުފާނާ ޝައްމާން އަމާޒުކުރެއްވި ސުވާލަކީ، ހޯމްލޭންޑް މިނިސްޓަރު އިހުސާނާއި މިނިސްޓަރުގެ ޕީއޭ އާއި އެމިނިސްޓްރީގެ ބައެއް މުވައްޒަފުން ގާނޫނާ ގަވާއިދާ ހިލާފު ކަންތައްތަކެއް ކުރުމަށް އިމިގްރޭޝަންގެ ވަކި ވަކި މުވައްޒަފުންތަކަކަށް ގުޅައި ދިން އިރުޝާދުތަކެއްގެ މައުލޫމާތު ކޮންޓްރޯލަރއަށް ލިބުމާ ގުޅިގެން އެކަން ހުއްޓުވާފައިވަނީ ތިމަންނާ ނޫންތޯ ވިދާޅުވެ ކުރެއްވި ސުވާލެކެވެ.

މި ސުވާލު ކުރެއްވުމާއެކު ފަނޑިޔާރުވަނީ އެ ސުވާލަށް ކޮންމެހެން ޖަވާބު ނުދެއްވިޔަސް އެންމެ ރަނގަޅުކަމުގައި ވިދާޅުވެ އެ ސުވާލު ހުއްޓުވާފައެވެ. އަދި ހެޑްލައިން ހެދުމަށާއި މީޑިއާ ސާކާސްއަށް ޝަރީއަތުން ޖާގަ ނުދޭނެކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

މި ސުވާލު ޝަރީއަތުން ހުއްޓުވާފައިވާއިރު، ހެކިބަސްއަދާކުރި ސިރުފާނަކީ ޝަމްއާންގެ ޕާރސަނަލް އެސިސްޓަންޓްގެ މަގާމުގައި އެދުވަސްވަރު ހުރި ފަރާތަ

އެ މައްސަލާގައި ޝަމްއާންގެ އިިތުރުން އިތުރު ބަޔަކަށް ވެސް ދައުވާކުރި އެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ އެއް މުވައްޒަފަކަށް ކުރި ދައުވާ އަށް އޭނާ އިއުތިރާފުވެ، ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން އެ މުވައްޒަފުގެ މައްސަލަ ކުރިން ވަނީ ނިންމައިފަ އެވެ.

އެ މުވައްޒަފަށް އިއްވި ދެ މަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމި އޭނާ މިހާރު ވަނީ މިނިވަންވެފަ އެވެ. ނަމަވެސް ދެން ތިބި މީހުންގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.