ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް އެޗްޑީސީން އެ މަސައްކަތް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާން އިންޓަލެކްޗުއަލް ގްރޫޕާ ހަވާލުކޮށް، ލިފްޓު ހަރުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސަލާހުއްދީން ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހިޔާގެ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ނިމެމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ޕާކިން ބިލްޑިން ހެދުމަށް މިހާރު އެގްރިމަންޓު ހެދިފައިވާ ކަމަށާއި ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ. އަދި ފޭސް ދޭއްގައި ހުރި ހުރިހާ މައްސަލައަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވިއެވެ.

ރައީސް ވަނީ އެ ބައްދަލުވުމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އައްސަވާ އެކަންކަމަށް ހައްލު ގެނެސްދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ. ރައްޔިތުންގެ ކައިރިއަށް ވަޑައިގަންނަވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވައިގެން ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ކަމަށް އެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.