ހިޔާ ފްލެޓުތަކުގެ މެއިންޓަނަންސްއަށް ދައްކަންޖެހޭ 2 ލައްކަ ރުފިޔާގެ ފީ މައާފުކުރުމަށް ވަޢުދުވެވަޑައިގެންނެވި ގޮތަށް އެ ބަދަލު އެގްރީމަންޓަށް ގެންނަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ހިޔާގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ހުރި ހުރިހާ ކަންބޮޑުވުމަކަށް ހައްލު ގެނެސް ދެއްވުމަށް މަސައްކަތް ކުރައްވާކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުް ވިދާޅުވީ، ހިޔާގެ އެގްރީމަންޓު ބަދަލުވެގެންދާއިރު، އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ތެރޭގައި ވަޢުދުވެވަޑައިގެންނެވި ފަދައިން މެއިންޓަނަންސްގެ ފީގެ ގޮތުގައި ދައްކަންޖެހޭ 2 ލައްކަ ރުފިޔާގެ ފީ އުނިކޮށްދެއްވާނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އަދި ބައެއް ފަރާތްތަކުން ދައްކަންޖެހޭ ކުއްޔާއެކު އަރާފައިވާ ބެކްލޮގްގެ ކަންކަންވެސް ބައްލަވާ އެކަމުގައިވެސް ލުއިތަކެއް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފައިސާ ނުދެއްކި ބެކްލޮގް އަރާފައިވާ ފަރާތްތަކަށްވެސް ލުއިގޮތްތަކެއް ހޯއްދަވާދެއްވާނެކަމަށެވެ. އެގޮތުން އެކަން ބެލުމަށް އަންގަވާފައިވާކަމަށާއި ލިބޭ މަޢުލޫމާތަށް ބެއްލެވުމަށްފަހު އެކަމަށް ހައްލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
ކުލީގެ މައްސަލައިގައި ރައީސް ވިދާޅުވީ ރައްޔިތުން ފާހަގަކުރި ކަންކަން ސީރިއަސްގޮތެއްގައި ބައްލަވާނެކަމަށެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވިގޮތަށް ކުލީގެ ކަންކަމަށް ބަދަލު ގެންނަވާނެކަމުގެ ޔަޤީންކަންވަނީ ދެއްވާފައެވެ.
އެގޮތުން މިހާރު އޮންނަ އުސޫލުގެ ދަށުން 7 އަހަރުން ފެށިގެން ކުލި ދައްކާ މިންވަރު ބޮޑުވާގޮތަށް އޮތްއޮތުން މުރާޖާކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އެސިސްޓަމަކީ ރަނގަޅު ސިސްޓަމެއް ނޫންކަމެއްކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ބޭންކްތަކުން ލޯނުނަގާފައިވާ ހިޔާގެ ރައްޔިތުންނަށްވެސް އެކަމުގައި ލުއިގޮތްތަކެއް ހޯއްދަވާދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.