ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކުރާ ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ބޮޑުތަނުން ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މިފަދައިން ނިންމެވީ ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސަލާހުއްދީން ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފްލެޓްތައް ލިބުނު ފަރާތްތަކުގެ މިހާރު އޮތް އެންމެ ބޮޑު ޝަކުވާއަކީ ކުއްޔާއި އެޑްވާންސް ބޮޑުވުންކަމަށް ރައީސް ވިދާޅުވިއެވެ. 3 ކޮޓަރީގެ ފްލެޓް ލިބުނު ފަރާތްތައް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހެނީ 25،000 ރުފިޔާއެވެ. އަދި 2 ކޮޓަރި ލިބުނު ފަރާތްތައް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހެނީ 15،000 ރުފިޔާއެވެ.
ރައީސް ވިދާޅުވީ، 3 ކޮޓަރި ލިބިފައިވާ ފަރާތްތަކުގެ ކުލި 10،500 ރުފިޔާއިން 10،000 ރުފިޔާއަށް ކުޑަކޮށްދެއްވާނެކަމަށެވެ. އަދި 2 ކޮޓަރި ލިބުނު ފަރާތްތަކުގެ ކުލި 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކުރައްވާނެކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ޚިޔާލު ފާޅުކުރި ބައެއް އާންމު ރައްޔިތުން ވަނީ ފްލެޓްތަކުގެ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކޮށްފައެވެ.
ރައީސް ވިދާޅުވީ، އެފްޑީސީގެ ފަރާތުން އެ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުން ރިވައިޒްކޮށް އައުކުރާނެކަމަށެވެ. ހުޅުމާލެ 2 ވަނަ ފިޔަވަހިން ވިނަރެސް ފްލެޓްތައް ގަންނަން އެކި ފަރާތްތަކުން ވަނީ ލޯނުތައް ނަގާފައިކަމަށާއި އެ ފަރާތްތަކަށް ބީއެމްއެލްއިން ލުއިތަކެއް ދެމުންދާކަމަށް ރައީސުް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައްވައިދިނުމަކީ އެންމެ އިސްކަންދޭ ކަންކަމުގައި ރައީސް އަބަދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ލުއިތައްވެސް ދަނީ ރައްޔިތުންނަށް ދެއްވަމުންނެވެ. އެގޮތުން ދާދިފަހުން އެމަނިކުފާނު ވަނީ ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިން ކޮށްފައިވާ ޖޫރިމަނާތައް ވެސް މައާފުކޮށްދެއްވާފައެވެ.