ރާއްޖެއަށް މިހާރު އިރުވައި މޫސުން ފެށިއްޖެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އިރުވައި މޫސުން ފެށިފައިވާ ކަމަށެވެ.

އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިލަޔަށް އޮންނަ މޫސުމެއް ކަމަށެވެ. ހުޅަނގު މޫސުން ރާއްޖޭގައި އޮންނާނީ މޭ މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް އެ އިދާރާއިން ބުނެ އެވެ.

އިރުވައި މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި ޑިސެމްބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފްތާގެ ތެރޭގައި މެދު ރާއްޖޭގެ އަތޮޅުތަކަށް ފަށާ ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ. އަދި ޖެނުއަރީ މަހުގެ ތެރޭގައި މުޅި ރާއްޖެއަށް އިރުވައި މޫސުން ފަށާ ކަމަށް ބުނެފައިވެ އެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އިތުވައި މޫސުން ރާއްޖެއަށް ފެށިފައިވާއިރު މިދިޔަ އަހަރު އިރުވައި މޫސުން ރާއްޖެއަށް ފެށިފައިވަނީ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވެ. 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިރުވައި މޫސުން ފެށިފައިވަނީ ޑިސެމްބަރު މަސް ތެރޭގަ އެވެ. އޭގެ ފަހުން ޖެނުއަރީ މަހު އިރުވައި މޫސުން ފެށިފައި ވަނީ ހަމައެކަނި 2024 ވަނަ އަހަރު އެވެ.

އިރުވައި މޫސުމުގައި ވައިގެ މިސްރާބު އާންމުކޮށް ހުންނާނީ އިރުމަތިންނެވެ. ގަޑިއަކު 10 ނޯޓިކަލް މޭލު ބާރުމިނުގައި ވައިޖެހޭއިރު ދެ ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ވެސް މި ގޮތަށް މޫސުން އޮވެދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވެ އެވެ.

ރާއްޖޭގެ ވައި ނުސާފުވުމަށް ފަހު މިއަދުން ފެށިގެން ވިއްސާރަވާނެ ކަމަށާއި އެއަށްފަހު ވައި ސާފުވާނެ ކަންވެސް މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވެ އެވެ. ބުރާސްފަތި އަދި ހުކުރު ދުވަހުގެ މޫސުން ކުރިއަށް ލަފާ ކުރާ ގޮތަށް ބަލާއިރު އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށް ލަފާ ކޮށްފައިވެ އެވެ. ވައި ޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.