ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާޠިލުކުރަން އެދި ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ، ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފިއެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ބާޠިލުކުރަން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހަޅާފައިވަނީ، ސޭވް މޯލްޑިވްސް ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ތިމާވެށީގެ އެކްޓިވްސްޓް ޙުމައިދާ ޢަބްދުލްޣަފޫރާއި މ. މާމުލި، މުޙައްމަދު ސިނީންގެ ފަރާތުންނެވެ.
ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ، ދުސްތޫރީ މައްސަލައަކަށްވަނީ ޤާނޫނެއް ނުވަތަ ޤަވާއިދެއް ބާޠިލްކުރަން ހުށަހަޅާ މައްސަލަތައް ކަމަށްވާއިރު، ކަށިމިޔަރުގެ މަސްވެރިކަމުގެ ޕްލޭނަކީ ޤާނޫނެއް ނުވަތަ ޤަވާއިދުގެ ބައެއް ނޫންކަމަށާއި ކަށިމިޔަރުގެ މަސްވެރިކަން ޤާނޫނާ ޚިލާފުވާ ގޮތެއްވެސް ބަޔާންކޮށްދީފައިނުވާކަމަށެވެ.
އެހެންކަމުން ދުސްތޫރީ މައްސަލައެއްގެގޮތުގައި އެ މައްސަލަ ބަލައިނުގަނެވޭނެކަމަށް ހައިކޯޓުގެ ރަޖިސްޓްރާ، މަރިޔަމް ހޫރުޝިދާގެ ނިންމުމުގައިވެއެވެ. ކަށިމިޔަރުގެ މަސްވެރިކަމާ ދެކޮޅަށް ތިމާވެށީގެ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، މިކަމާ ގުޅިގެން ޕެޓިޝަނެއްގައިވެސް ސޮއިކޮށްފައިވެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން މިދިޔަ މަހު ވަނީ ބުނެފައިވަނީ، ކަށިމިޔަރު މަސްވެރިކަމުގެ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވަނީ، ފުރަތަމަ ހުށަހަޅާ 40 ދޯންޏަށްކަމަށެވެ.