ބަނގުރަލާއި މަސްތުވާތަކެއްޗާއެކު 3 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ މި 3 ބިދޭސީން އަތުލައިގެންފައިވަނީ އެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޓިނޯ ގަނެސަން (27އ) އާއި އަރުޖުން ކުއްޕަން (25އ) އަދި އަނީޝް ޕުޝްޕަކަރަން (33އ) އެވެ. މި ތިން މީހުންނަކީވެސް އިންޑިއާ ރައްޔިތުން ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާއިރު އެ އެޕާރޓްމަންޓްތަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 12 ފުޅިއާއި 5 ލީޓަރުގެ 3 ފުޅި އަދި 12 ޓައްޕު ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތައް ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުން ޑީޕޯޓްކޮށްލުމަށްޓަކައި އިމިގްރޭޝަނާ މިހާރު ހަވާލުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.