ކްރިއޭޓިވް އިންޑަސްޓްރީ ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއްކަމަށާއި އެކަން ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ފުރުސަތުތައް ފަހިވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި އުފެއްދުންތައް އޮންލައިންކޮށް ވިއްކުމަށް ބައިނަލްއަގްވާމީ އޮންލައިން ޕޭމަންޓްތަކުގެ ތެރެއިން އެކަންކުރެވޭނެ ގޮތަށް މަގުފަހިކުރަމުންދާކަމަށެވެ. އެގޮތުން ޕާޕަލް އާއެކު މިހާރު ކުރެވެމުންދާ މަސައްކަތާއެކު ޖެނުއަރީ މަހު ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ލިބެން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ އޮކްޓޫބަރު 29 ވަނަ ދުވަހު ރައީސް އިފުތިތާހުކޮށްދެއްވި، ބީއެމްއެލް 'ސްވައިޕް"އަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާ އެކު، އަވަހަށް އަދި ރައްކާތެރިކަމާ އެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ. ބީއެމްއެލްއިން ބުނެފައިވަނީ އެއީ 100 އިންސައްތަ ދިވެހީންގެ އުފެއްދުމެކެވެ.
އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ބީއެމްއެލް އިން ސްވައިޕްގެ ބީޓާއަށް މިމަހުގެ ތެރޭގައި ހުޅުވާލާނެކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އޯތެންޓިކް މޯލްޑިވްސްގައި ރަޖިސްޓަރީވެފައިވާ ހުރިހާ ފަރާތްތަކަށް، މިހާރު އަލީބާބާ ޑޮޓް ކޮމްގައި ޕްރޮޑަކްޓްސް ވިއްކޭނެ ގޮތް ހަމަޖެހިފައިވާކަމަށެވެ.