ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކުޑަ އަގެއްގައި ބިން ލިބުމާއި ގުދަން ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ރައީސް ކުރިޔަށްގެންދެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ އެކަމުގެ ދަތިތައް ހިއްސާކޮށްފައެވެ. އެކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެޗް.ޑީ.ސީ ނުވަތަ އެމް.ޕީ.އެލް ފަދަ ކުންފުނިތައް މެދުވެރިކޮށް ކުޑަ އަގެއްގައި އެކަންކުރެވިދާނެ ގޮތްތައް ބައްލަވާނެކަމަށެވެ. ސަރުކާރަށް މިކަމުގައި ވެދެވޭނެ އެހީތެރިކަމަކީ ކޮބައިތޯ ބައްލަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ކުޑަ ކުއްޔެއްގައި ބިންތައް ލިބޭނެ ގޮތްތައްވެސް ބައްލަވާނެކަމަށެވެ. މީގެއިތުރުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ވިޔަފާރިކުރާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފާއިތުވި ދެ ހަފުތާ ތެރޭގައި، ބިދޭސީން ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ 47 ވިޔަފާރިއެއް ބަންދުކޮށްފައިވާކަމަށެވެ.
ބިދޭސީން ގެނައުމަށް ކޯޓާ ފީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ އާއި ގުޅޭގޮތުން ވިޔަފާރިވެރިން ހުށަހެޅުއްވި ކަންބޮޑުވުމާއި ގުޅޭގޮތުން ވިދާޅުވީ ކޯޓާ ފީއަށް ދެއްވެން އޮތް އެންމެ ލުއިގޮތެއް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. މީގެއިތުރުން ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ނަމުގައި، މަދުވެގެން އެއް ވެހިކަލަށް ޚާއްޞަގޮތެއްގައި، ހުއްދަ ދެވޭނެގޮތެއްވެސް ބައްލަވާނެކަމަށެވެ.