ނ. ހޮޅުދޫގައި، ރަށުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ފޯރުކޮށްދިނުމުގެ ގޮތުން، ލާމަސީލު "ހޮޅުފިނި" މައިޒާން އަނެއްކާވެސް ރަސްމީކޮށް ހުޅުވައިފިއެވެ. މި މައިޒާނަކީ ރަށުގެ ތާރީހާއި އެއްބައިވަންތަކަމުގެ ރަމްޒެކެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އޮންނަ އާދަކާދައެއްގެ ގޮތުން، ބަނދަރު ހެދިފަހުން ނޫނީ އޭގެ ކުރިންވެސް، އަތިރިމަތީ އޮޑިދޯނިފަހަރު ލަފާއިރު މީހުން ތިބުމަށް ނުވަތަ އެކަކަކު އަނެއްކަކު ވާހަކަ ދައްކާލާ ގުޅުން ބަދަހިކުރުމަށް "މައިޒާން" ހުރެއެވެ. މިއީ ރަށު މީހުން އެއްވެ، މަޝްވަރާކޮށް، އެކުވެރިކަން ދިރުވައި އާލާކުރާ މުހިންމު ތަނެކެވެ.

ނ. ހޮޅުދޫއަކީ ވެސް ރީތި ތާރީހެއް އޮތް، އެއްބައިވަންތަކަމާއި އަހުވަންތަކަން އޮންނަ އެކުވެރި ބަޔަކު ދިރިއުޅޭ ރަށެކެވެ. މި ރަށުގައިވެސް ޗާލު ރީތި "މައިޒާނެއް" އޮވެއެވެ. 2000 ގެ އަހަރުތަކުގައި ނ. ހޮޅުދޫގެ އާންމުން ގުޅިގެން މި މައިޒާން ގާއިމުކުރެވިފައިވަނީ އެ ރަށުގެ ބަނދަރު ސަރަހައްދުގައެވެ. މަސްވެރިކަމަށް ރަނގަޅު މި ރަށުގެ ބަނދަރުގައި އަބަދުވެސް މަސްވެރިންނާއި އޮޑިވެރިން ތިބޭއިރު، މި މައިޒާން ވެގެންދިޔައީ މި ހުރިހާ ފަރާތްތަކަށް ވެސް ހިތްފަސޭހަ ތަނަކަށެވެ.

މި މައިޒާނަށް ކިޔަނީ "ހޮޅުފިނި" އެވެ. ރަށުގެ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު މި ތަން، ފަހުން އަނެއްކާ އާރާސްތުކޮށް ހެދީ ރަށުގެ ޒުވާނުންނެވެ. ޒުވާނުންގެ މި މަސައްކަތުގެ ސަބަބުން، "ހޮޅުފިނި" މައިޒާނަށް އަލުން ފުރާނައެއް ލިބި، މިއީ ރަށުގެ ސަގާފަތާއި ތާރީހު ދިރިހުރި ރަމްޒަކަށް ވެގެން ގޮސްފައިވާ ކަމަށް ހޮޅުދޫގެ ރައްޔިތަކު މަޢުލޫމާތު ދީފައިވެއެވެ.
"ހޮޅުފިނި" މައިޒާން އަލުން ހުޅުވުމާއެކު، ރަށުގެ ރައްޔިތުންނަށް، ޚާއްސަކޮށް މަސްވެރިންނާއި އޮޑިވެރިންނަށް، ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ތަނެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވޭކަމަށް ވެސް އެ ރަށުގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.