ޒުވާނުންގެ ވެހީގައި ހަދާފައިވާ "އެންޖީއޯ ވޯކިން ސްޕޭސް" އެއްވެސް ފީއެއް ނުދައްކާ ޖަމިއްޔާތަކަށް ބޭނުންކުރެވޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު(އަސްވާޑު) ވިދާޅުވެއްޖެއެވެ.

މަދަނީ ޖަމިއްޔާތަކުގެ އަގު ވަޒަން ކުރުމަށް މި ވުޒާރާއިން ދޭ ސިވިލް ސޮސައިޓީ އެވޯޑް ދިނުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މަދަނީ ޖަމިއްޔާތަކުން އެކި ފޯރަމްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން، ޒުވާނުންގެ ވެހީގެ ވަކި މާލަންތަކެއް އެއްވެސް ފީއެއް ނެގުމަކާ ނުލާ، ހިލޭ ދޫކުރާނެކަމަށާއި މި ފުރުސަތުގެ ބޭނުން ޖަމިއްޔާތަކުން ހިފުމަށް އެދޭކަމަށެވެ.

މީގެ އިތުރުން މަދަނީ ޖަމިއްޔާތަކުން މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާ ޝަކުވާއަކީ، މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ޖާގައިގެ ތަނެއް ލިބުމަށް ދިމާވާ ދަތިތަކާއި ގުޅޭ ކަންބޮޑުވުންތައް ކަމަށް ވަޒިރު ފާހަގަކުރެއްވިއެވެ.

" މަދަނި ޖަމިއްޔާތަކުން އަޅުގަނޑުމެންނަށް އެންމެގިނައިން އަންނަ ޝަކުވާއެއް ނުވަތަ ކަނބޮޑުވުމަކީ އެބޭފުޅުން ބޭނުންފުޅުވާ، ޖާގައިގެ ދަތިކަމަށް ހައްލެއް ބޭނުންވާކަމަށް."

އިބްރާހިމް ވަހީދު/ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު

އެގޮތުން މިކަމަށް ހައްލެއް ހޯދައިދިނުމަށް ޒުވާނުން ވެހީގައި، މަދަނީ ޖަމިއްޔާތަކަށް ހާއްސަ ކުރެވިފައިވާ ދެކޮޓަރިއެއް ހުންނާނެކަމާއި، މީގެ އިތުރުން ތަމްރީނު ކްލާސްތައް ހިންގުމަށްޓަކައި ޒުވާނުންގެ ވެހީގައި ފުރަތަމަ ފަންގިފިލާގައި ތަމްރީނު ހޯލެއްވެސް ހާއްސަ ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ.

މި ޖާގަ ކަނޑައަޅާފައި ވަނީ ޔޫތު ހަބް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިތަނަށް ދީފައިވާ ނަމަކީވެސް ”އެންޖީއޯ ވޯކިން ސްޕޭސް“ ކަމަށެވެ. މަދަނީ ޖަމިއްޔާތަކަށް ބައްދަލުވުންތަކާއި، މަސައްކަތްކުރުމަށް ޖާގައެއް ނެތުމުން ދަތިތައް ދިމާވާއިރު، އެކަމާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، މި ޖާގަ މެދުވެރިކޮށް މިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާލުވީ މަދަނީ ޖަމިއްޔާތަކުން މި ޖާގަ ބޭނުން ނުކުރާ ވަގުތުތަކުގައި، އެހެން ފަރާތްތަކުން ބޭނުންކުރާނަމަ އަގެއް ނެގި ނަމަވެސް، މަދަނީ ޖަމިއްޔާތަކުން ބޭނުންކުރުމުގައި އެއްވެސް އަގެއް ނުނަގާނެކަމަށެވެ.