ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި މަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.

މަރުވެފައި އޮއްވާ ފެނިފައިވާ މީހާ މިހާރުވަނީ ދެނެގަނެވިފައިކަމަށާއި އެމީހާއަކީ މުދާ ހިފައިގެން އެއަރޕޯޓަށް ދަތުރުކުރި ބާޖަކުން މޫދަށް ވެއްޓި ގެއްލިފައިވާ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިކަމުގެ މައުލޫމާތު ޑިސެންބަރު 18 ވަނަ ދުވަހުގެ 13:21 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމަށާއި މި މައްސަލައާ ގުޅިގެން މައުލޫމާތު ލިބޭ ވަރަކުން މައުލޫމާތު ހިއްސާކުރަމުން ގެންދާނެކަމަށް ފުލުހުން ބުނެއެވެ.