ސަރުކާރުގެ އެކިއެކި ކުންފުނިތަކާއި މިނިސްޓްރީތަކަށް މަސައްކަތްކުުރުމުން ލިބެންޖެހޭ ފައިސާ ނުލިބި ތިބި ވިޔަފާރިވެރިންނަށް ރައީސް ރޭ އިތުރު ތާރީޚެއް ދެއްވައިފިއެވެ.

އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް އޮތްއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ރައީސް ކުރިޔަށްގެންދެވި ބައްދަލުކުރެއްވުމުގައިވެސް އެކަން ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، އެތައް މިލިއަން ރުފިޔާއެއް ނުލިބި، ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައި ތިބި ކުންފުނިތަކުން އެކަންބޮޑުވުން ފާޅުކޮށް ބިދޭސީންގެ އަތްމައްޗަށް ވިޔަފާރިތައްދާ އެއް ސަބަބަކީ އެއީކަންވެސް ފާހަގަކޮށްފައިވެއެވެ.

އެ ވިޔަފާރިވެރިންވަނީ ފައިސާ ނުދެއްކޭ ނަމަ ޓެކުހާ ލާޖައްސައިގެން އެކަން ކުރަން އެދިފައެވެ.

ޓެކުހާ ލާޖައްސައިގެން އެމަސައްކަތް މިހާރުވެސް ކޮންމެސް ގޮތަކަށް ކުރެވެމުންދާކަމަށާއި ނަމަވެސް އެއަށްވުރެ އެކަން ފުޅާކޮށް ކުރެވޭނެ ގޮތަކީ ކޮބައިތޯ ބައްލަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، އެއަށްވުރެ ފުޅާކޮށް. ތަންކޮޅެއް ކޮމްޕްރިހެންސިވް ގޮތަކަށް، ވީހާވެސް ގިނަ ބަޔަކަށް އެ އުސޫލެއްގެ ތެރެއިން، އެކަން އެޕްލައި ވާނެ ގޮތަކަށް. ތިޔަބޭފުޅުން ދައްކަން އޮތް އެއްޗެއް، ސަރުކާރުން ދައްކަން އޮތް އެއްޗަކާ އަޅައި ކެނޑޭނެ ގޮތަކަށް. ދެން އޭގައި ޤާނޫނީގޮތުން އެއްވެސް ކަމެއް ބަލަން އޮތްތޯ ބެލުމާއެކީގައި، މީރާއާއި، ފިނޭންސާ އެކީގައި އިށީނދެގެން، އަޅުގަނޑުމެން ބަލައިދޭނަން. އެއަށްވެސް އެންމެ ރަނގަޅު ޙައްލެއް ގެނެސްދޭން އިރާދަކުރެއްވިއްޔާ މަސައްކަތް ކޮށްދޭނަން. ހަމަ ޔަޤީނުންވެސް، ރަނގަޅު ޙައްލެއް އަންނާނެ. މިތާނގައި އަޅުގަނޑަށް އަދަދު، ނޫނީވިއްޔާ މިވެނިވަރެއް ނުދެންނެވުނަސް، ޔަޤީނުންވެސް، މިއަށް ޙައްލެއް އަންނާނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ފައިސާ ދެއްކުމުގައި ލަސްތަކެއް އުޅޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ވީހާވެސް ގިނަ ބިލުތަކެއްގެ ފައިސާ ދެއްކުމަށްކަމަށެވެ.

އަދި ހަމައެއާއެކީގައި، ޖަނަވަރީ މަސް ތެރޭގައި ބާކީ އެމައުންޓްވެސް، ރޯދަމަހާ ހަމައަށް ދާންވާއިރަށް ކްލިއަރ ކޮށްލެވޭތޯ މި ބަލަނީ. ކްލިއަރ ކުރާއިރުގައިވެސް، މިހެންހުރި މީރާގެ ޕެންޑިންގސްތަކަށްވެސް، ތިޔަބޭފުޅުން ދައްކަވަން އޮތް އެއްޗަކަށްވެސް ރަނގަޅު ޙައްލެއް ގެނެސްދެވޭ ގޮތަށް.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

މީގެކުރިން ރައީސް ވަނީ މިދިޔަ ރޯދަމަހުގެ ކުރިން ވެސް އެ ބިލުތައް ދައްކާ ނިންމަން ވައުދުވެވަޑައިގަންނަވާފައެވެ. އޭގެފަހުން މިއަހަރުގެ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހުގެ ރޭ ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފޮނަދޫގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ އެކި ކުންފުނިތަކާއި ވުޒާރާތަކުން ދައްކަންޖެހި، ނުދައްކާ ހުރި ހުރިހާ ފައިސާއެއް އެދުވަހުން ފެށިގެން ކުރިއަށްއޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭ ދައްކައި ނިންމާނެ ކަމަށާއި އެކަން ކުރާނީ ފައިސާ ޗާޕު ނުކޮށް ކަމަށެވެ.

އެމަހުގެ ކުރީކޮޅު އެމްޑީޕީން "ލޫޓުވައިފި" ނަމުގައި ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް ރައީސް ވަނީ ފަސް ހަފްތާތެރޭގައި ފައިސާ ދައްކާ ނިންމަވާނެކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް އިޝާރާތްކުރައްވާ ރައީސް ފޮނަދޫގައި ބޭއްވި ޖަލްސާގައިވަނީ އެދުވަހު އިއުލާނުކުރެއްވި ގޮތަށް އެފައިސާ ހަމަޖެހޭނެކަމަށެވެ.

އެ ދުވަސްވަރު ސަރުކާރުން ވަނީ ޕެންޝަން ބޯޑު މެދުވެރިކޮށް މަރުކަޒީ ބޭންކް އެމްއެމްއޭއަށް ފައިނޭންޝަލް ޓޫލްއެއް ވިއްކައިގެން ފައިސާ ހޯދަން މަސައްކަތްކޮށްފައެވެ. އެއީ ފައިސާ ޗާޕުކުރުންކަމަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައްވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އަނެއްކޮޅުން ސަރުކާރުން ނުދައްކާ ހުރި ބިލުތަކުގެ ޖުމުލަ އަދަދާއި ތަފުސީލުތައް ހާމަކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. އެހެންކަމުން ސަރުކާރުން ސީދާ ދައްކަން އޮތް ފައިސާގެ އަދަދެއް ނޭންގެއެވެ.