އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޕާސްޕޯޓުގެ މުއްދަތު ހަމަވާން 6 މަހަށްވުމުން ޕާސްޕޯޓު އާކުރުމަށް އެފަރާތެއްގެ ފޯނަށް ނޮޓިފިކޭޝަން ފޮނުވުމުގެ މަސައްކަތް ގާއިމުކުރަމުންދާކަމަށް ކޮންޓްރޮލާ ޖެނެރަލް އޮފް އިމިގުރޭޝަން އަހްމަދު ފަސީހު ވިދާޅުވެއްޖެއެވެ
ހޯމްޓީމް އިން ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފަސީހު ވިދާޅުވީ މިއާއެކު ޕާސްޕޯޓު އާކުރަން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމުގެ ލިންކެއް އެމީހެއްގެ ފޯނަށް ފޮނުވާނެކަމަށެވެ.
ޕާސްޕޯޓުގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވަމުން ފަސީހު ވިދާޅުވީ ކުރިން ޕާސް ޕޯޓުގެ ހިދުމަތް ދެމުންދިޔައީ އެންމެ 6 އަތޮޅުގައި ކަމަށް ވީނަމަވެސް މިހާރު 31 ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް 31 އޮފީހެއް އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި ގާއިމުވެފައިވާނެކަމަށެވެ.
މީގެ އިތުރުން މިހާރު ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކުން ދޭންފަށާފައިވާކަން ފާހަގަކުރައްވާ ފަސީހު ވިދާޅުވީ މިއީ ރައްޔިތުންނަށް ލިބިފައިވާ ބޮޑު ކުރިއެރުމެއްކަމަށެވެ.
މީގެއިތުރުން ފަސީހު ވިދާޅުވީ ގިނަ ޕާސްޕޯޓް އޮފީސްތަކެއް ގާއިމު ކޮށްފައިވަނި ރާއްޖެއަކި 99 އިންސައްތަ ކަނޑުކަމުން ފަސޭހައިން ދަތުރުފަތުރުކުރުމުގެ ނިޒާމު ގާއިމުކުރުމުގެ ގޮތުންކަމަށެވެ.
މީގެ އިތުރުން ފަސީހުވަނީ ފާސްޕޯޓު ޕްރިންޓުކުރުމުގެ ވަސީލަތްތައް ކުރިން ރަނގަޅުނޫންކަމަށާއި ޕްރިންޓުކުރަމުން އައީ ދެ ޕްރިންޓަރު ބޭނުންކޮށްގެންކަން ފާހަގަކުރައްވައި މިހާރު ފާސްޕޯޓު ޕްރިންޓުކުރުމުގެ ވަސީލަތްތައް ދުނިޔޭގެ ފެންވަރަށް ކުރިއަރުވާފަވާކަން ފާހަގަކުރައްވާފައެވެ.
އަމާޒަކީ މި އަންނަ އަހަރުގެ ފެށޭކޮޅުން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުން ރައްޔިތުންނަށް ޕާސްޕޯޓު ހޯދުމަށް އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓް ފޯރުކޮށްދިނުންކަމަށް ފަސީހު ވިދާޅުވިއެވެ.
މީގެ އިތުރުން ފަސިހު ވިދާޅުވީ ޕާސްޕޯޓުގެ މައްސަލަތައް އެންމެ ގިނައިން ދިމާވެފައިވަނީ ރައްޔިތުން ފަރުދީ ޒިންމާ އަދާނުކުރާތީކަމަށެވެ.