މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، ރާއްޖެއަށް މުދާ އެތެރުކުރުމުގައި ހޭދަވާ ޑޭމަރޭޖު ނާރާ ވަގުތު 124 ގަޑިއިރަށް ދިގުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ރައީސް ކުރިޔަށްގެންދެވި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ފާޅުކުރި އެއް ކަންބޮޑުވުނަކީ ފަސޭހައިން މުދާ ބަހައްޓާނެ ތަންތަން ކުއްޔަށް ލިބޭ ގޮތެއްނެތުމާއި މާލެ ވިޔަފާރި ބަނދަރުން މުދާ ކްލިއާ ކުރުމުގައި ފަސޭހަ އިންޒިތާމެއް ނެތުމެވެ.

ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ ޑެމަރޭޖް ނާރާ، ފްރީކޮށް މި އޮންނަ 80 ގަޑިއިރުގެ ތެރޭގައި ދިމާވާ ހުރިހާ ކަމެއް ވިޔަފާރިވެރިން ފާހަގަކޮށްފިކަމަށެވެ. އޭގެ ސަބަބުން، އެތައްބަޔަކު ވަރަށް ބޮޑަށް ޑެމަރޭޖް ދައްކަންޖެހި، އަތުން ބޮޑު ޚަރަދެއްދާކަން ފާހަގަކޮށްފިކަމަށެވެ. އެކަންކަން ހައްލުކުރުމަށް އެމްއެމްސީއެލްއާއެކު މަޝްވަރާކުރައްވާ ހައްލު ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވީމާ، މިކަމުގައި އިރާދަކުރެއްވިއްޔާ، އެމް.އޭ.ސީ.އެލް.ގެ ފަރާތުން މިކަމުގައި އުޅުއްވާ ބޭފުޅުންނާ މިތަނުގައި މަޝްވަރާކޮށްލާފައި، އަޅުގަނޑުމެން މިހާރު، އިރާދަކުރެއްވިއްޔާ އެ ބޭފުޅުން މި 80 ގަޑިއިރު، 124 ގަޑިއިރަށް، ޑެމަރޭޖް ނާރާ ވަގުތު އިތުރުކޮށްދޭނެ. 80 ގަޑިއިރުން 124 ގަޑިއިރަށް. އަދި ކަސްޓަމާއި، އެމް.އޭ.ސީ.އެލް. ގުޅިގެން ކްލިއަރިންގ މަސައްކަތަށް މިހާރު މި އޮންނަނީ، ގާތްގަނޑަކަށް އެއް ޝިފްޓް، ނޫނީވިއްޔާ ދެ ޝިފްޓް މި އޮންނަނީ. ގާތްގަނޑަކަށް 18 ގަޑިއިރުގެ ކްލިއަރިންގ މަސައްކަތް މި ކުރަނީ. އެހެންވީމާ، އެއީ 18 ގަޑިއިރާ ބައި، އެގޮތަށް އެހެން އޮތުމުގެ ބަދަލުގައި ހަމަ ރައުންޑް އޯ ކްލޮކް، ޓުވެންޓީ ފޯރ އަވަރޒްއަށް އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަން.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

މީގެއިތުރުން ކުރިން ރުފިޔާއިން ދެއްކި ކަންކަމަށް މިހާރު ޑޮލަރުން ދައްކަންޖެހޭތީ އެކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފައިވާތީ އެކަމަށް ގެނެވޭނެ ބަދަލުތަކަކީ ކޮބައިތޯ ބައްލަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެކަންކަމަކީ ބަޖެޓާއި ގުޅުވާފައި ހުރި ކަންކަންވުމުން ގެނެވޭނެ ހައްލުތަކަކީ ކޮބައިތޯ ބައްލަވާނެކަމަށް ރައީސް ވިދާޅުވިއެވެ.