ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ޑިސެންބަރު 17 ވަނަ ދުވަހުގެ ހެނދުނު 08:30 ހާއިރު، ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށެވެ. މި ބޯޓުތައް ހިފަހައްޓާފައި ވަނީ، ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ ޒަރިއްޔާއިން، އެއްކުރި މައުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރއިން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ދެ ބޯޓު މިހާރު ވަނީ ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ފުލުހުން ގެންދަނީ މިކަމުގެ ތަހުގީގުކުރިޔަށްގެންދަމުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.