ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޤަތަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ އަމީރާއި ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި އެވެ.
ރައީސް ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލް-ޘާނީއަށާއި، ބޮޑުވަޒީރު ޝެއިޙް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް-ޘާނީއަށާއި އެ ގައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ޤަތަރަކީ ރާއްޖެއަށް އަބަދުވެސް އެހީތެރިވެދޭ، ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ރައީސްގެ ޕޯސްޓުގައި ވަނީ ޤަތަރަށް އަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާފަ އެވެ.
ޤަތަރުގެ ގައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 18 ވަނަ ދުވަހު އެވެ.