ދަންވަރު ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ބަލާފާސްކުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިޔަށްގެންދަން ނިންމާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ރޭގަނޑު 12:00 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާނަމަ އެކަން ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވާފައެވެ.

އެކަމާއި ގުޅިގެން ފުލުހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ހިންގަމުންދާ މަސައްކަތްތަކުގެ ތެރެއިން ދަންވަރު ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ބަލައިފާސްކުރަން ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގައި އާންމު މަސްލަހަތު ގެއްލޭފަދަ އަމަލުތައް ހިންގުމާއި، އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އުޅޭކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން މިރެއިން ފެށިގެން، ކޮންމެ ރެޔަކު ދަންވަރު 12:00 އިން ފެށިގެން ހެނދުނު 6:00 އަށް، މަގުމަތީގައި އުޅޭ ބިދޭސީން ބަލައިފާސް ކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާނެކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެމަސައްކަތް މާލެ އާއި ހުޅުމާލެ އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިޔަށްގެންދާނެކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މަސައްކަތުގެ ދަށުން، ދަންވަރު ވަގުތުތަކުގައި ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި މައުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ހާއްސަކޮށް މާލެއާއި ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ ބީދޭސީންގެ ހާލަތު ބަލައި، އެމީހުން ރާއްޖޭގައި ދިރި އުޅެނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ބަލައިފާސް ކުރުމުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުއެޅުމަށާއި، ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންނާ މެދު ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށްޓަކައި، އެފަދަ ފަރާތްތައް އިމިގުރޭޝަނަށް ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.