ކައުންސިލް އިންތިހާބުގައި ޕީއެންސީ އިން 97 އިންސައްތަ ގޮނޑިއަށް ވާދަކުރާނެކަމަށް ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ކެމްޕެއިން މެނޭޖަރ، އަދި ރައްޔިތުންގެ މަޖިިލީހުގެ ޕީއެންސީގެ ޕީޖީ ގްރޫޕް ލީޑަރ އިނގުރައިދޫ ދައިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީން، އިންތިހާބުގެ 97 އިންސައްތަ ގޮނޑިއަށް ވާދަކުރާނެކަމަށެވެ.

ފަލާހް ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ އެއްވެސް ކައުންސިލް އިންތިހާބެއް 2008 ވަނަ އަހަރުން ފެށިގެން އައި އެއްވެސް ސަރުކާރަކަށް ކާމިޔާބުކުރެވިފައި ނުވާ ކަމަށް ފާލާހު ވިދާޅުވިއެވެ.

"މި ފުރުސަތު އިތުރުނުކޮށް އަޅުގަނޑުމެންނަށް މިހާ ގިނަ އަދަދެއްގެ ކެނޑިޑޭޓުން ޕީއެންސީގަ، ޕީއެންސީ ގެ ފަރާތުން ޕްރައިމަރީ ލޯކަލް ކައުންސިލްގައި ވާދަކުރަން އެދުމަކީ ހަގިގަތުގައި މި ޕާޓީއަށް ދިވެހި ރައްޔިތުން ކުރާ ތާއީދާއި ލޯބި ދައްކުވައިދޭ ވަރަށް އަލިގަދަ ހެއްކެއް ވަރަށް ވަރުގަދަ ރަމްޒެއް"

ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރު ފަލާހު

މީގެ އިތުރުން ފަލާހުވިދާޅުވީ މިހާތަނަށް 97 އިންސައްތަ ގޮނޑިއަށް ޕާޓީ ޓިކެޓުގައި ވާދަކުރުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން، މިމަހުގެ 1 ވަނަ ދުވަހު ހުޅުވާލި ފުރުސަތު 15 ވަނަ ދުވަހު ބަންދުވި އިރު، 1،300 އަށް ވުރެ ގިނަ މީހުން ޕީއެންސީ ޓިކެޓުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ.

"2008 ވަނަ އަހަރުން ފެށިގެން އައި އެއްވެސް ސަރުކާރަކަށް ކާމިޔާބުކުރެވިފައެއް ނެއް. އެއީ ހުރިހާ ޕާޓީތަކަކަންވެސް ބަލައިގަންނަ ކަމެއް. އެހެންނަމަވެސް އަޅުގަނޑަށް އެއް ކަމެއް ޔަގީން. ﷲ އިރާދަފުޅުން މި އިންތިހާބު ޕީއެންސީ އިން ވަރަށް މަތީ އަގުލަބިއްޔާތަކުން ކާމިޔާބު ކުރާނެ." ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރު ފަލާހު

ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރު ފަލާހު

ކުރިން ބޭއްވުނު އިންތިހާބުތަކުގައި ސިޔާސީ ޕާޓީއަކުން އެންމެ މައްޗަށް ދެވިފައިވަނީ 85 އިންސައްތަ ކަމުގައި ވިޔަސް، މިފަހަރު 97 އިންސައްތަ ގޮނޑިއަށް ޕީއެންސީން ވާދަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޕީއެންސީގެ މެންބަރުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފަލާހް ފާހަގަކުރެއްވި އެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ޕާޓީން ނޫސްވެރިންގެ ބައްދަލުވުން ބޭއްވި އިރު، ޕާޓީގައި ތިބީ 69،000 މެންބަރުން ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު 70،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބަށް ޕްރައިމަރީ ބާއްވާއިރު، ޕާޓީގެ މެންބަރުންގެ އަދަދު 75،000 އަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.