ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުުޅުންތެރިޔާއަށް ދޭ ފީފާ ދަ ބެސްޓް އެވޯޑް، ފްރާންސްގެ ފޯވާޑް އޮސްމާން ޑެމްބެލޭއަށް ލިބިއްޖެ އެވެ.

ފްރާންސް ފުޓްބޯލްއިން ހޮވި މިދިޔަ ސީޒަންގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލަންޑޯ އެވޯޑް ވެސް ލިބުނީ ޑެމްބެލޭ އަށެވެ.

ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ 28 އަހަރުގެ ޑެމްބެލޭ މިފަހަރުގެ ފީފާ ބެސްޓް އެވޯޑް ހޯދީ، ރެއާލް މެޑްރިޑްގެ ކީލިއަން އެމްބާޕޭ އާއި ބާސެލޯނާގެ ލަމީން ޔަމާލްއާ ވާދަކޮށެވެ.

މީގެކުރިން ބޮރޫޝިއާ ޑޯޓްމަންޑާއި ބާސެލޯނާއަށް ވެސް ކުޅެފައިވާ ޑެމްބެލޭ މިދިޔަ ސީޒަންގައި ޕީއެސްޖީއަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެ އެވެ. ޕީއެސްޖީއާ އެކު ފްރެންޗް ލީގުވެސް ކާމިޔާބުކުރި ޑެމްބެލޭ ވަނީ މިދިޔަ ސީޒަންގައި ކުޅުނު 53 މެޗުން 35 ލަނޑު ޖަހައި، 16 ލަނޑު އެސިސްޓްކޮށްދީފަ އެވެ.

ފީފާއިން ހޮވި މި ފަހަރުގެ ޑްރީމް ޓީމުގައި ހިމެނެނީ، މިދިޔަ ސީޒަންގައި ޕީއެސްޖީގެ ގޯލު ބެލެހެއްޓި ޖަންލުއިޖީ ޑޮނަރޫމާ، ޕީއެސްޖީގެ އަޝްރަފް ހަކީމީ، ވިލިއަން ޕަޗޯ، ވިޓީނިއާ، ޑެމްބެލޭ، ނޫނޯ މެންޑޭޒް އަދި ލިވަޕޫލްގެ ވާޖިލް ވެން ޑައިކް، ޗެލްސީގެ ކޯލް ޕާމާގެ އިތުރުން، ބާސެލޯނާގެ ޕެޑްރީ އާއި ލަމީން ޔަމާލް އަދި ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް އެވެ.

މި އަހަރުގެ އެންމެ މޮޅު ކޯޗަކީ، ޕީއެސްޖީއަށް އަލަށް ޗެމްޕިއަންސް ލީގު ހޯދައިދިން ލުއިސް އެންރީކޭ އެވެ. އަދި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ޑޮނަރޫމާއަށް ލިބުނު އިރު، އެންމެ މޮޅު ގޯލު ޖެހި ކުޅުންތެރިޔާއަށް ދޭ ޕުސްކަސް އެވޯޑް ލިބުނީ، އާޖެންޓީނާގެ އެތުލެޓިކޯ އިންޑިޕެންޑިއެންޓޭގެ ސަންޓިއާގޯ މޮންޓިއެލް އަށެވެ.

ފީފާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު މިއަހަރު ވެސް ލިބުނީ ބާސެލޯނާއަށް ކުޅޭ ސްޕެއިންގެ އައިޓާނާ ބޮންމާޓީ އަށެވެ. މިއީ އޭނާ ޖެހިޖެހިގެން މި އެވޯޑް ހޯދި ތިންވަނަ ފަހަރެވެ.