ރާއްޖޭގައި އުޅޭ ބިދޭސީން ރޭގަނޑުގެ ދަންވަރު މަގުމަތީގައި އުޅޭއިރު، ޢާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފު ޢަމަލުތައް ހިންގަމުންދާކަމުގެ ކަންބޮޑުވުންތައް ބޮޑުވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު، ރޭގަނޑު 12:00 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާނަމަ އެކަން ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި އަމުރު މިރެއިން ފެށިގެން ތަންފީޒުކުރުމަށް ވަނީ އަންގަވާފައެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި އުޅެމުންދާ ބައެއް ބިދޭސީން ރޭގަނޑުގެ ދަންވަރު ވަގުތުގައި ރަށުތެރޭގެ ޢާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފަށް އުޅެމުންދާކަމުގެ ކަންބޮޑުވުން ލިބެމުންދާކަމަށެވެ. އެހެންކަމުން ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 ޖެހުމާއި ހަމައަށް، އާންމު ތަންތަނުގައާއި އަދި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ އެމީހުންނާއި ސުވާލުކޮށް ހެދުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެމީހުންނާއި ސުވާލުކުރާއިރު ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފު ކަމެއް ފާހަގަވާނަމަ އެކަމާއި ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެފިޔަވަޅެއް އެޅުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މިކަން ބުދަ ދުވަހުގެ ރެއިން ފެށިގެން ފުލުހުންނާއި ތަންފީޒީ އިދާރާތަކުން ބެލުމަށް ވަނީ އަންގަވާފައެވެ.މި ނިންމެވުން ނިންމަވާފައިވަނީ ރޭ ގަލޮޅުގެ ރައްޔިތުންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުގައެވެ. އެ ބައްދަލުވުމުގައި ބައެއް ރައްޔިތުންވަނީ މާލޭގެ އެކި ހިސާބުތަކުން ރޭގަނޑުގެ ގަޑިތަކުގައި ބިދޭސީން އެއްވެ އުޅޭތަން ފެންނަކަމަށާއި، އަދި އާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފު ބައެއް ކަންކަން ހިންގަމުންދާކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ.