ހުޅުމާލޭ ބާ އިންޖީނުގޭގައި ސްޓެލްކޯގެ މުވައްޒަފަކު ކަރަންޓްގައި ޖެހި ނިޔާވި ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ރައްޔިތުންގެ މަޖިލީހުން ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ އެދިވަޑައިގެންނެވީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) މެދުވެރިކޮށް އެ ހާދިސާގެ ކަންކަން ބެލުމާއި އަދި ސްޓެލްކޯގައި މަސައްކަތުގެ މާހައުލު އޮތް ގޮތާ ބެހޭ ގިނަ މައުލޫމާތުތަކެއް ހޯދުމަށެވެ.
މަޖިލީހުން ހޯދަން އެދުނު ބައެއް މައުލޫމާތުގެ ތެރޭގައި، ނިޔާވި މީހާގެ އާއިލާއަށް ކޮމްޕެންސޭޝަން ދީފައިވާކަން ނުވަތަ ނޫންކަން، އާއިލާއަށް ކުންފުނިން އެހީވާނެކަން ނުވަތަ ނޫންކަމާއި ސްޓެލްކޯގައި މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ފުރިހަމަކޮށްފައިވާކަން ނުވަތަ ނޫންކަމުގެ އިތުރުން ރައްކާތެރިކަމަށް ހަދާފައިވާ އުސޫލުތަކުގެ އިތުރުން ހާދިސާ ހިނގި ގޮތުގެ ތަހުގީގުގެ ތަފްސީލް ހޯދުމަށް އެދިފައިވެއެވެ.
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ނޮވެމްބަރު 26 ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ކުންފުނީގެ މުވައްޒަފު ތައިލެންޑުގައި ފަރުވާދެނިކޮށް ނިޔާވީ މިދިޔަ ހަފުތާގަ އެވެ. އެ ހާދިސާގައި ނިޔާވި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ރޭ ވަނީ ރާއްޖޭގައި ވަޅުލައިފަ އެވެ.