މިމަހުގެ ދިހަވަނަ ދުވަހާއި އެގާރަވަނަ ދުވަހު، ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖުން ހައްޔަރުކުރި މީހުންގެ ތެރެއިން ބާކީ ތިބި މީހުން ވެސް އިއްޔެ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި އިިހުތިޖާޖުން 4 ދިވެހިންގެ އިތުރުން، 3 ބިދޭސީއަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ފުލުހުން ވަނީ އެ ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އަދި ހައްޔަރުކުރި ދިވެހީންގެ ބަންދަށް ފަސް ދުވަސް ޖެހިއިރު، އެ އެންމެންވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އޭގެ ތެރެއިން ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް ޒާކިރުގެ ސިއްހީ ހާލަތަށް ބަލައި އަވަހަށް ދޫކޮށްލިއިރު، އޭނާ ވަނީ އައިޖީއެމްއެޗުގައި އޮޕަރޭޝަނެއްވެސް ކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަންދުގައި ދެން ތިބި މަސްވެރިން އިއްޔެ ދޫކޮށްލީ ތަހުގީގުކޮށް ނިމުމުން ކަމަށެވެ. އެ އެންމެން ދޫކޮށްލިކަން ފާހަގަކޮށް ނެރުނު ބަޔާނެއްގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން މިއަދު ބުނީ، މިއީ އެ މަސްވެރިން ދޫކޮށްލަން ގޮވާލައި، އިންސާފު ހޯދުމަށް ޔޫނިއަންގެ މެންބަރުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ބީކޭއެމްޔޫން ވަނީ، ބޭރުގެ މަސައްކަތްތެރި ބައެއް ޖަމިއްޔާތަކުން އެހީތެރިކަން ލިބުނުކަންވެސް ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން ބީކޭއެމްޔޫ އިން ބުނީ، ފުލުހުން ބައެއް ދޯނިތަކަށް އަރައި އިހުތިޖާޖު ރޫޅާލީ ސުލްހަވެރިކޮށް މަސްވެރިން ތިއްބައި ކަމަށެވެ. އިހުތިޖާޖުކުރި މަސްވެރިން ފަހުން ވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ ބައްދަލުކޮށް، މައްސަލަތައް ހައްލުކުރުމާ ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ. އަދި އެ ބައްދަލުވުން ކާމިޔާބު ކަމަށް ވެސް ބުނެފައިވެ އެވެ.