ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް 2025 ފާހަގަކުރުމަށްޓަކައި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއިން އާންމުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.
އެގޮތުން އެ މިނިސްޓްރީ އާއި އެލައިޑް ހެލްތް ޕްރޮފެޝަނަލުން ގުޅިގެން ޚާއްސަ ޕެނަލް ޑިސްކަޝަންއަކާއި ދެ ވެބިނާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތަކުގައި އެލައިޑް ހެލްތް ޕްރޮފެޝަނަލުންގެ ތެރެއިން ސްޕީޗް ޕެތޮލޮޖިސްޓުންނާއި، އޮކިޔުޕޭޝަނަލް ތެރަޕިސްޓުން، ޑައިޓީޝަނުން އަދި ފިޒިއޮތެރަޕިސްޓުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ ތެރެއިން ޕެނަލް ޑިސްކަޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރެއެވެ. މި ޕެނަލް ޑިސްކަޝަން ގެ ތެރެއިން ޝާމިލުކުރަނިވި ޚިދުމަތް ފޯރުކޮށްދިނުމުގައި ތެރަޕިސްޓުންގެ ދައުރާއި ބެހޭ މުހިއްމު މަޢުލޫމާތު މިދާއިރާތަކުގެ ޕްރޮފެޝަލުން މެދުވެރިކޮށް ހިއްސާކުރެވިގެންދާނެއެވެ.
އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތެރަޕީގެ ހިދުމަތުގެ ތެރެއިން ގެނެވޭ ކުރިއެރުންތަކަކީ ކޮބައިކަމާއި ކުދިން ދިރިއުޅޭ މާހައުލުގެ ތެރެއިން ވަށާޖެހޭގޮތެއްގައި ފޯރުކޮށްދެވޭ އެހީތެރިކަމުގެ ސަބަބުން ލިބޭ ފައިދާތަކާއި، ގޭތެރޭގެ އާއްމު އުޅުމުގައި ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމުގެ އިތުރުން، މަލްޓި-ޑިސިޕްލިނަރީ ޓީމެއްގެ ގޮތުގައި ހިދުމަތްދޭ ފަރާތްތަކުން މަސައްކަތްކުރުމުގެ މުހިއްމުކަމާއިބެހޭގޮތުން ވާހަކަދެކެވިގެންދާނެއެވެ.
މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 ޑިސެމްބަރު 18 ވަނަ ދުވަހުގެ 16:00 ގެ ކުރިން، ރެޖިސްޓަރީ ކުރެއްވުމަށް ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން، މި މަހުގެ 19 ވަނަ ދުވަހާއި 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެބިނާތަކުގައިވެސް އެލައިޑް ޕްރޮފެޝަނަލުން ފައިދާހުރި ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެގޮތުން، 19 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ވެބިނަރ ގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ހެދިބޮޑުވުމުގެ އެކި މައްސަލަތައް ދިމާވާ ކުދިންނާއި ފަރާތްތަކަށް ކެއުންބުއިމުގައި ސަމާލުވާނެ ގޮތްތަކާއި ބެހޭގޮތުން މުހިންމު މައުލޫމާތުތަކެއް މިދާއިރާތަކުގެ ޕްރޮފެޝަލުން މެދުވެރިކޮށް ހިއްސާކުރެވިގެންދާނެއެވެ.
20 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ވެބިނަރ ގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ހެދިބޮޑުވުމުގެ މައްސަލަތައް ދިމާވާ ކުދިންނާއި ފަރާތްތަކަށް ގޭތެރޭގެ މާހައުލުގައާއި އާއްމު ދިރިއުޅުމުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މުހިއްމު މައުލޫމާތުތަކެއް މިދާއިރާތަކުގެ ޕްރޮފެޝަލުން މެދުވެރިކޮށް ހިއްސާކުރެވިގެންދާނެއެވެ.
މި ވެބިނަަރތަކުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކަށް ވެސް ރަޖިސްޓަރީ ވެލެއްވުމަށް މިހާރުވަނީ ހުޅުވާލެވިފައެވެ.