މި އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހާ ހަމައަށް ސިއްހީ ދާއިރާގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ހަރަދުތައް ވަނީ މިދިޔަ އަހަރުގެ އެމުއްދަތަށްވުރެ 2.9 އިންސައްތަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިޥާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފި އެވެ.
ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހާ ހަމައަށް 46 ހަފްތާ ތެރޭގައި ސިއްހީ ދާއިރާގެ ޕީއެސްއައިޕީ ހަރަދުތައް އިތުރުވެ 2024 ވަނަ އަހަރުގެ 111.5 މިލިއަން ރުފިޔާއިން 2025 ވަނަ އަހަރުގެ މި މުއްދަތުގައި 432.3 މިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. އެހެންކަމުން ސިއްހީ ހިދުމަތްތައް ތަރައްގީ ކުރުމަށް ކުރެވުނު އިންވެސްޓްމަންޓް ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ޕީއެސްއައިޕީ ހަރަދުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަން ފާހަގަކޮށް ޖުމްލަ ޕީއެސްއައިޕީ ހަރަދުތައް 7.2 ބިލިއަން ރުފިޔާގައި ހުރިއިރު، 2024 ވަނަ އަހަރުގެ އެމުއްދަތުގައި އެހަރަދު ހުރީ 10.2 ބިލިއަން ރުފިޔާގައި ކަމަށް ރިޕޯޓުގައި ވެ އެވެ. އެއާއެކު ދަތުރުފަތުރުގެ ދާއިރާގައި ޕީއެސްއައިޕީ އިންވެސްޓްމަންޓްތައް ހުރީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު ދާދި އެއް މިންވަރެއްގައި ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ޚަރަދުގެ ބަޔަށް ބަލާއިރު 1 ނޮވެމްބަރ 2025 ގައި ތަންފީޒުކުރަން ފެށި ސަރުކާރުގެ ޕޭ ހާމަނައިޒްކުރުމުގެ ސިޔާސަތުގެ އަސަރު ރިކަރަންޓް ޚަރަދުގެ ބައިން ފެންނަން ފަށާފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. ޖުމްލަ މުސާރައާއި، އުޖޫރައާއި، ޕެންޝަން 7.1 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ހުރި 12.5 ބިލިއަން ރުފިޔާއިން 13.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ވީކްލީ ފިސްކލަް ޑިވެލޮޕްމަންތުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި މުވައްޒަފުންނާ ގުޅުންހުރި ޚަރަދުތައް އިތުރުވެފައިވީ ނަމަވެސް، ބަޖެޓްގެ ޖުމްލަ ޚަރަދު މިދިޔަ އަހަރަށްވުރެ ދަށްކޮށް ހުރިކަމަށް ދައްކަ އެވެ.
އެހެންކަމުން، މުސާރަ ހަމަހަމަކުރުމާއި، އާންމު އިންވެސްޓްމަންޓްތަކާއި، ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ އިތުރުވުމާއި، ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާ ކަމަށް މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކަ އެވެ.
2025 ވަނަ އަހަރުގެ މިހާތަނަށް ލޯނު އަނބުރާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރުވެފައިވެއެވެ. އެގޮތުން، 118.9 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ 2.3 ބިލިއަން ރުފިޔާއިން 5.0 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ ތެރޭގައި، ފާއިތުވި ހަފްތާއާ އަޅާބަލާއިރު، ރާއްޖޭގެ މާލީ ބާޒާރުގައި އިޝޫކޮށްފައި ހުރި ދަރަނި އަނބުރާ ދެއްކުމަށް 422.1 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.
މި ހަރަދުތަކުގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އަށް ޖަމާކުރެވުނު ފައިސާ ވެސް ވަނީ އިތުރުވެފައެވެ. އެސްޑީއެފް އަށް ޖަމާކުރެވުނު ޖުމްލަ ފައިސާ 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެމުއްދަތުގައި ހުރި 1.3 ބިލިއަން ރުފިޔާއަށް ވުރެ 87.9 އިންސައްތަ އިތުރު އަދަދެކެވެ. ފޮރިން މިނިސްޓްރީން ބުނީ މިއީ ކުރިއަށްދާ އިންވެސްޓްމަންޓްތަކާއި އިސްލާހީ މަސައްކަތްތަކުގެ އިތުރުން، ދައުލަތުގެ މާލީ ރިޒާވްތައް ބިނާކުރުމަށް ސަރުކާރުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.