ކުޑަދުވަސްކޮޅެއްގެ ތެރޭގައި 52 މަސާޖްޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވީ މަސާޖްޕާލާގެ މައްސަލައަކީ މުޅި މާލެއަށްވެސް ދިމާވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއްކަމަށެވެ.
ރައީސް ވިދާޅުވީ އޮންނަ އުޞޫލުގެ ތެރެއިން ފުލުހުންނާއި އިމިގްރޭޝަންއާ ގުޅިގެން އަބަދުވެސް މިފަދަ ތަންތަން ބަލާ ފާސްކުރަމުންދާކަމަށެވެ. ނަމަވެސް މާލޭގެ ރައްޔިތުންނާއެކު މިހާތަނަށް ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން އެކަންކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ފާޅުކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު އެކަންކަން މިފަދަ މަސާޖްޕާލާތައް ހުއްޓުވުމަށްޓަކައި އިތުރަށް އިސްކަން ދީގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިވީ ހަފްތާއެއްގެ ތެރޭގައި 52 މަސާޖު ޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި 24 ތަނަކީ އޮޕަރޭޝަންގެ ތެރެއިން ބަންދުކުރި ތަންތަންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަމާ ބެހޭ ފަރާތްތައް ގުޅިގެން އޮޕަރެޝަނެއް ކުރިއަށްގެންގޮސް ތަންތަން ބަންދުކުރަން ފެށުމުން އަމިއްލަ އަށް އެ ވިޔަފާރި ކުރާމީހުން 28 ތަނެއް ބަންދުކުރިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ ތަންތަން ބަލާ ފާސްކުރުމުގެ ތެރޭގައި ނުގަވާއިދުން ތިބޭ ބިދޭސީން ފޮނުވާލާކަމަށެވެ. އެގޮތުން 10 ވަރަކަށް މީހުން ހައްޔަރުކޮށްފައިވާކަމަށާއި އޮންނަ އުޞޫލުން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މުޖުތަމަޢުގައި ހުރި އެފަދަ މައްސަލަތައް ހައްލުކުރަން ކަމަށާއި ރައްޔިތުން ދޭ ޚިޔާލުތަކަކީ ސަރުކާރުން ބަލައިގަންނަ ޚިޔާލުތަކެއްކަމަށެވެ.