އިޒްރޭލުގެ ހިފާފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކުގެ 19 ސަރައްދެއްގައި ވަޒަންވެރިކަން ގާއިމުކުރުމަށް އިޒްރޭލުގެ ކެބިނެޓުން ފާސްކުރުމުން އެކަން ދިވެހި ދައުލަތުން އެންމެ ހަރުކަށި ބަހުން ކުށްވެރިކޮށްފި އެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުގައި އިޒްރޭލުން ގަދަބާރުން ވަޒަންވެރިވުމަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ކަންކަން ކަމަށާއި، އަދި އދ.ގެ ސަލާމަތީ ކައުންސިލުގެ ގަރާރުތަކާ، ޚާއްސަކޮށް ސަލާމަތީ ކައުންސިލުގެ ގަރާރާ ވަރަށް ބޮޑަށް ހިލާފުވާ ކަންތައްތަކެއް ކަމަށް ރާއްޖެއިން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ގަދަކަމުން ވަޒަންވެރިވެގަތުން ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އާންމުކުރި ސްޓޭޓްމަންޓުގައި ބުނެފައިވަނީ މިއީ އަދުލުވެރިކަމާއި އަދި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރުމުގެ ފުރުސަތުތަކަށް ހުރަސްއަޅާ ކަމެއް ކަމަށް ރާއްޖެއިން ދެކޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން 1967 ވަނަ އަހަރުގެ ކުރިން އޮތް ދެ ދައުލަތާއި ފަލަސްޠީނުގެ ވެރިރަށަކީ ޤުދުސްކަމުގައި އޮތް އޮތުމަށް އިތުރު ގޮންޖެހުންތައް ކުރިމަތިކުރުވާ ހަމަނުޖެހުންތައް އިތުރުވާނެކަމަށް ރާއްޖެއިން ދެކެ އެވެ.

މީގެ އިތުރުން ފަލަސްތީނުގެ ހައްގުތައް ހޯދައިދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ގާނޫނީ އަދި މޯރަލް ނުވަތަ އިންސާފުގެ ހައްގުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ރާއްޖެއިން ގޮވާލާފައިވެ އެވެ. އަދި އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ހުރިހާ އަމަލުތަކާއި ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވުމަށް އިޒްރޭލުން ހިންގާ ހުރިހާ ކަމެއް ހުއްޓާލުމަށް މަޖުބޫރުކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލާފައިވެ އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް، އަމިއްލަ ވެރިކަމެއް ކުރުމުގެ ހައްގު ލިބިގެންވާކަމަށް ރާއްޖެއިން ދެކޭކަން މި ސްޓޭޓްމަންޓުގައި ވެސް ހާމަކޮށްފައިވެ އެވެ. އަދި މިނިވަން ދައުލަތެއް ފަލަސްތީނުގައި ގާެއިމުކޮށްދިނުމަށް ރާއްޖެއިން މަސައްކަތްކޮށް އެކަމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.