ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން މީގެކުރިން 1 ކޮޓަރީގެ އެޕާޓްމަންޓް ލިބިފައިވާ ފަރާތަކަށްވެސް ހައުސިން ސްކީމްތަކަށް ކުރިމަތިލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މީގެކުރީގެ ހައުސިން ސްކީމަކުން 1 ކޮޓަރީގެ އެޕާޓަމަންޓް ލިބިފައިވާ ފަރާތެއް ނަމަ، އިތުރު ސްކީމަކަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް އޮތުމަކީ ވަރަށް ގިނަ ބައެއްގަ ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އެދެމުގެ މަތިން އެ އުސޫލަށް ސަރުކާރުން މިހާރު ބަދަލުގެނެސްފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ފުރަތަމަ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓާއި ގޯއްޗަށް، ފެށޭ އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހުން ފެށިގެން ކުރިމަތިލުމަށް ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ. މި ސްކީމްގެ ދަށުން 15000 ގޯއްޗާއި 7500 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ސިޔާސަތު އެކުލަވާލުމުގެ މަގްސަދަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކޮންމެ ދިވެހި ރައްޔިތަކީވެސް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމަށް މަގުފަހިކޮށްދިނުން ކަމުގައި ސަރުކާރުން ފަހާގަކުރެ އެވެ.