ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މުސާރަ ބޮޑު 13 މަގާމަކަށް މީހުން ހޯދުމަށް އިއުލާންކޮށްފި އެވެ.
ޑިވެލޮޕްމަންޓް ބޭންކުގެ ހިންގަން ފެށުމަށް ތައްޔާރުވަމުންދާކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ބޭންކުގެ ހިދުމަތް ފެށޭނެ ތާރީހެއް އަދި ނޭންގެ އެވެ.
ޑީބީއެމްއިން ވަކިވަކިން ކުރި އިއުލާންތަކުގައި ވަނީ މާކެޓިން އެގްޒެކެޓިވްއަކާއި، ތިން ފައިނޭންސް މެނޭޖަރުންނާއި، ދެ ކޮމްޕްލަޔަންސް މެނޭޖަރުންނާއި، ދެ ފްރޮންޓް އޮފީސް އެގްޒެކެޓިވުން ހޯދުމަށް އިއުލާނުކޮށްފަ އެވެ. އަދި އައިޓީ މެނޭޖަރަކާއި، އެޗްއާރު އެންޑް އެޑްމިން މެނޭޖަރަކާއި، ކްރެޑިޓް އެންޑް ރިސްކް މެނޭޖަރަކާއި، ލީގަލް މެނޭޖަރެއް އަދި އިންޓާނަލް އޮޑިޓް މެނޭޖަރެއްވެސް ހޯދުމަށްވެސް އިއުންކޮށްފައިވެ އެވެ.
މި މަގާމުތަކުގެ މުސާރަ އުޅެނީ 20،000ރ. އާއި 45،000ރ. އާ ދެމެދުގަ އެވެ. މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00 ގެ ނިޔަލަށެވެ.
މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ޑީބީއެމްގެ އަމަލީ މަސައްކަތް މިހާތަނަށް ނުފެށި އޮތް ނަމަވެސް އެ ބޭންކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޑިވެލޮޕްމަންޓް ބޭންކް އުފައްދަވާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުގަ އެވެ.
މި ކުންފުނީގެ މަގްސަދަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމެވެ.
މީގެކުރިން ރައީސް ވަނީ އެ ބޭންކުގެ ސީއީއޯކަމާއި ޗެއާޕާސަން ކަމަށް ރާއްޖެއިން ބޭރުގެ ދެ ތަޖުރިބާކާރުން އައްޔަންކުރައްވާފަ އެވެ. އެގޮތުން، ޗެއާޕާސަނަކަށް އައްޔަންކުރެއްވީ ސިންގަޕޫރަށް ނިސްބަތްވާ އަރުނީ ގުނެތިލަކަ އެވެ. އަދި ބޭންކުގެ ސީއީއޯކަމަށް އައްޔަންކުރެއްވީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.