ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ސިންގަޕޫރުގެ ގައުމީ އެއާލައިން, ސިންގަޕޯ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.

އާ ޓާމިނަލުން ސިންގަޕޯ އެއާލައިންސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު އެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދާއި، ސިންގަޕޯ އެއާލައިންސްގެ ޖެނެރަލް މެނޭޖަރު ހާޒިގު ސުލައިމާނާއި، އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
އާ ޓާމިނަލުން ސިންގަޕޯ އެއާލައިންސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 205 ފަސިންޖަރުންނަށް ހަދިޔާ ދީފަ އެވެ. އަދި އާ ޓާމިނަލަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓް, SQ432 އިން ރާއްޖެ އައި 244 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ޓާމިނަލް 1 އަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓަކީ އެއާބަސް 350 ގެ ފްލައިޓެކެވެ. މިއީ އާ ޓާމިނަލުން އެއާބަސް 350 ގެ ފްލައިޓަކަށް މަރުހަބާކި ފުރަތަމަ ފަހަރެވެ.
ސިންގަޕޯ އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށީ 28 މާރިޗް 1984 ގަ އެވެ.
ސިންގަޕޯ އެއާލައިންސްއާއެކު އާ ޓާމިނަލުން މިހާރު ދަނީ 32 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.