ވޯކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯކް ވީޒާއެއް އޮތް ނަމަވެސް، ވޯކް ވީޒާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެން ލިބޭނީ މުއްދަތު ހަމަނުވާ އީ ވީޒާއެއް އޮތް ބިދޭސީންނަށް އެކަނި ކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ބުނެފި އެވެ.
އީ ވިޒާއާ ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާ ކުރަމުން އިމިގްރޭޝަނުން ވަނީ އީ ވީޒާގެ ޚިދުމަތް ތައާރަފުކުރުމާއި ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތައް އަދި ވަޒީފާ ދޭފަރާތްތައް ސަމާލުކަން ދޭން ޖެހޭ ކަންކަން ފާހަގަކޮށްފަ އެވެ.
އެގޮތުން ވޯކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯކް ވީޒާއެއް އޮތް ނަމަވެސް، ވޯކް ވީޒާގައި ރާއްޖެއިން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީވީޒާއެއް އޮތް ބިދޭސީންނަށް އެކަނި ކަމަށް އިމިގްރޭޝަން އިން ފާހަގަކޮށްފައިވެ އެވެ. އަދި އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީއެއްނަމަ، އެ ބިދޭސީއަކަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ އެ ބިދޭސީއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް ލިބިފައިވާ ބިދޭސީއަކަށް ވުމުން ކަމަށް އިމިގްރޭޝަން އިން ބުނެ އެވެ.
އިމިގްރޭޝަން އިން ބުނީ ވޯކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯކް ވީޒާއެއް އޮތް ނަމަވެސް، އެ ބިދޭސީންގެ ވޯކް ވީޒާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ ވީޒާއަށް ބަދަލުވުމުން، އެ ބިދޭސީއެއްގެ އީ ވީޒާގެ މުއްދަތު އޮތްތޯ ކަށަވަރުކުރުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތްކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.
މީގެ އިތުރުން www.immigration.gov.mv/visa/status މެދުވެރިކޮށް އީ-ވީޒާގެ ސައްހަކަން ކަށަވަރު ކުރެވޭނެކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ. އަދި އީ ވީޒާގެ ޚިދުމަތްތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަަމަ އެ އިދާރާގެ ނަންބަރު 1434، 9199157 ނުވަތަ 9919153 އަށް ގުޅުއްވައިގެން ނުވަތަ[email protected]އަށް އީމެއިލް ކުރައްވައިގެން އެ މަޢުލޫމާތު ސާފުކުރެއްވުމަށް އެދިފައިވެ އެވެ.
އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ އިދާރާ އިން ފޯރުކޮށްދޭ ވިސާގެ ހިދުމަތް ހިމެނޭހެން ހުރިހާ ހިދުމަތެއް ވެސް މިހާރު ވަނީ ޑިޖިޓަލައިޒް ކޮށްފައެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މޯލްޑިވްސް 2.0ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާއެކު ބިދޭސީންގެ އައިޑީ ދެނެގަތުމާއި ވިސާގެ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. އެގޮތުން މީގެ ކުރިން ކުންފުނިތަކާއި އަމިއްލަ ފަރުދުންނާއި ބިދޭސީންގެ ޕާސްޕޯޓްގެ ޚިދުމަތް ދިނުމަށް ކިޔުގައި ޖެހިގެން ތިބެން ޖެހުން ނިމުމަކަށް އަންނާނެ ކަމަށް ބުނެފައިވެ އެވެ،