ޓީޗަރުންނާއި ނަރުހުން ހިމެނޭހެން ގިނަ ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތަށް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފި އެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ވަނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް މިދިޔަ އާދީއްތަ ދުވަހު އިސްލާހު ގެެނެސްފަ އެވެ. އެ އިސްލާހުގައި ވަނީ ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ކެބިނެޓުން ކަނޑައަޅާފައިވާ ދާއިރާތައްް ބަޔާންކޮށް، އެ ދާއިރާތަކުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ވަކި މުއްދަތެއް ދީފަ އެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލުކޮށް، އަލުން ކޯޓާ ނުދެވޭނެ ވަޒީފާތައް ވަނީ ބަޔާންކޮށްފ އެވެ. އޭގެތެރޭގައި ހެއާ ޑްރެސަރުންނާއި، ބިއުޓީޝަނުންނާއި، ބޭބީ ސިޓާސް އާއި، ޕާސަނަލް ޓްރެއިނާސް ހިމެނެ އެވެ. އަދި އިލެކްޓްރީޝަނުންނާއި، ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް) އާއި، ޓުއާ ގައިޑުން އަދި އެކައުންޓެންޓުންގެ އިތުރުން އިމާމުންގެ ވަޒީފާ ވެސް އޭގެތެރޭގައި ހިމެނެ އެވެ.

ގަވާއިދަށް ގެނެވުނު އިސްލާހުތަކަށް އަމަލުކުރަން ފަށާތާ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރަންޖެހޭ ވަޒީފާތަކަކީ ޑައިވަރުންނާއި، ނަރުހުންނާއި، ބިލްޑިން އިކްސްޕެކްޓަރުންނާއި، ސޭވޭޔަރުންގެ އިތުރުން، ސައިޓް ސުޕަވައިޒަރުންނާއި ޕައިލެޓުންނެވެ.

މީގެއިތުރުން، ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ދެ ވަޒީފާއެއް ވެސް ވަނީ ބަނާޔްކޮށްފަ އެވެ. އެއީ އިލެކްޓްރިކަލް އިންޖީނިއަރުންނާއި ޑައިވް އިންސްޓްރަކްޓަރުންގެ ވަޒީފާ އެވެ.

ގަވާއިދަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތަކަކީ، ހައުސް ކީޕިން މެނޭޖަރުންނާއި، ހިއުމަން ރިސޯސް މެނޭޖަރުންނާއި، ޕްރަންޓް އޮފީސް މެނޭޖަރުނާއި ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުންގެ ވަޒީފާ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓްކޮށް، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި ރަޖިސްޓްރީކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. މި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 191،723 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވެ އެވެ.