ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އާންމުކޮށްފި އެވެ.
ދާދިފަހުން އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގައި ބުނާ ގޮތުން، ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން އަމަލުކުރަންޖެހޭ ގޮތުގެ ސުލޫކީ މިންގަނޑެއް މީޑިއާ ކޮމިޝަނުން އާންމުކުރަން ޖެހެ އެވެ.
މި އުސޫލުގައި ވަނީ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން ނަގަހައްޓަންޖެހޭ ހަމަތަކާއި، ޕްރޮގްރާމިން އާއި ކޮންޓެންޓް އުފެއްދުމުގައި ސަމާލުކަންދޭންވީ އުސޫލުތަކާއި، މިންގަނޑުތަކާއި، މައުލޫމާތު ހާމަކުރުމުގައި އިސްކަންދޭންވީ މިންގަނޑުތައް ބަޔާންކޮށްފަ އެވެ.
މި މިންގަނޑުގެ ދަށުން ނޫސްވެރިންނާއި ބްރޯޑްކާސްޓަރުން ހިފަހައްޓަންޖެހޭ ހަމަތަކުގެ ތެރޭގައި، އިސްލާމްދީނާއި ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމާއި، ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރުން، އިޖުތިމާއީ އަހުލާގާއި އާންމު ނިޒާމު ހިފެހެއްޓުން އަދި މީހުންގެ އަބުރާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުން ހިމެނެ އެވެ.
މީގެއިތުރުން، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ތެދު މައުލޫމާތު ހާމަކުރުމާއި އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުމާއި، އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ތަފާތު ވިސްނުންތަކާއި ފިކުރުތަކަށް، ގާނޫނުތައް ހުއްދަކުރާ ގޮތުގެ މަތީން ޖާގަ ދިނުމަކީ ވެސް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ހިފަހައްޓަންޖެހޭ ހަމަތަކެވެ. އަދި މުޖުތަމައުގައި އަޅައިލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ޚަބަރާއި މައުލޫމާތު ފެތުރުމުގައި އެ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރަން ހާއްސަ ރައްކާތެރިކަމާއި ސަމާލުކަމެއް ދިނުމާއި، ޚަބަރާއި މައުލޫމާތު ފެތުރުމުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުޑަކުދިންގެ ހައްގުތަކަށް ގެއްލުންވާނެ ފަދަ ޚަބަރާއި މައުލޫމާތު ނުފެތުރުން ވެސް މީގެތެރޭގައި ހިމެނެ އެވެ.
ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާގޮތުން، އެހެން ފަރާތެއްގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ބޭނުންކުރުމުގައި، އެ ކޮންޓެންޓް ގެނެސްދެވޭނީ އެ އެއްޗެއްގެ ވެރިފަރާތެއްގެ ހުއްދަޔާއެކު އެ ފަރާތަށް ކްރެޑިޓްދީގެންނެވެ. އެގޮތުން އެހެން ފަރާތެއްގެ އުފެއްދުމެއްގެ އަސްލު އޮޅުވާލައިގެން އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ގެނެސްނުދިނުމަކީވެސް މިންގަނޑާ ހިލާފު ކަމެއް ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެއިތުރުން، ކޮންޓެންޓް އުފެއްދުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ކޮންޓެންޓް ގެނެސްދިނުމުގައި، އެ ކޮންޓެންޓަކީ ސުލޫކީ މިންގަނޑުތަކާ ހިލާފު ނުވާގޮތަށް އުފައްދައިފައިވާ ކޮންޓެންޓެއްކަން ބަޔާންކުރަންޖެހޭނެ އެވެ. އަދި އޭއައި ބޭނުންކުރަންވާނީ ނޫސްވެރިކަމާއި ކޮންޓެންޓް އުފެއްދުމުގައި އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި ކަމަށާއި، އެގޮތުން ގެނެސްދޭ މައުލޫމާތަކީ އޭގެ ތެދުކަން ކަށަވަރުކޮށްފައިވާ މައުލޫމާތަކަށް ވާންޖެހޭނެކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.
ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ އަށް ވަނަ ބާބުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް މީޑިއާ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މި ސުލޫކީ މިންގަނޑު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު މިހާރު ވަނީ މި މިންގަނޑަށް އަމަލުކުރަން ފަށާފަ އެވެ.