ސަރުކާރު ކުންފުނިތަކަށް އިންފޯމޭޝަން އޮފިސަރުން އައްޔަނުކުރުމުގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަހުލުވެރި އޮފިސަރުން އައްޔަނުކުރުމަށާއި (ރިކުއެސްޓް ޓު އިންފޮމޭޝަން) އާރުޓީއައި ހުށަހެޅުމާއި ޖަވާބު ދިނުމުގައި އާންމުންނަށް ފަސޭހަ ގޮތްތަކެއް ކަނޑައެޅުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)އިން ކުންފުނިތަކަށް އަންގައިފި އެވެ.
މިއީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ހާމަކަންބޮޑު ގޮތެއްގައި އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހއްގުގެ ގާނޫނާއި ފުރިހަމައަށް ތަންފީޒުކުރުމަށް ކުންފުނިތަކަށް ބާރުއެޅުމަށް ޕިސީބީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުންފުނިތަކަށް އެންގި އެންގުމެއްކަމަށް ޕީސީބީއިން ހާމަކުރެ އެވެ.
ޕީސީބީގެ ރައީސް، މުހައްމަދު އަނަސް ސޮއިކުރައްވާ ނެރުނު ސާކިއުލާއެއްގައި ބުނީ، ސަރުކާރުގެ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން، ސަބްސިޑަރީ ކުންފުނިތައްވެސް ހިމެނޭގޮތަށް ކުންފުނީގެ ފަރާތުން އާއްމުންނާއި މީޑިއާތަކަށް މައުލޫމާތު ދިނުމާއި، ކުންފުންޏާއި ގުޅޭ މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، މައުލޫމާތި ދިނުމުގެ ކަންކަން ބެލެހެއްޓުމަށް އިންފޮމޭޝަން އޮފިސަރު އައްޔަންކުރަން އަންގާ ކަމަށެވެ.
ޕީ.ސީ.ބީ އިން ބުނީ ކުންފުނިތަކުގައި މިހާރުވެސް އިންފޯމޭޝަން އޮފިސަރުންގެ ޒިންމާ އަދާކުރާ ފަރާތްތަކާއި އަދި އަލަށް އައްޔަންކުރާ އިންފޮމޭޝަން އޮފިސަރުންނަކީ ގާނޫނީ ދާއިރާގެ ތަޖުރިބާ ހުރި ނުވަތަ (ގާނޫނު ނަންބަރު: 1/2014) "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު" އަދި އެ ގާނޫނާއި ގުޅޭ އެންމެހާ އުސޫލުތައް ރަނގަޅަށް ދަންނަ ފަރާތަކަށްވުން މުހިއްމުކަމު ކަމަށެވެ. އަދި އައްޔަނުކުރާ އިންފޮމޭޝަން އޮފިސަރުންނަށް ވަކި ސްޓާފް އީމެއިލް އެޑްރެހެއްގެ ބަދަލުގައި، އާންމު އެއް އީމެއިލް އެޑްރެހެއް ކަނޑައެޅުމަށްވެސް އެދޭ ކަމަށެވެ.
މީގެ އިތުރަށް އިންފޮމޭޝަން އޮފިސަރުން ބަދަލުވާ ހާލަތުގައިވެސް ކުންފުންޏަށް ހުށަހެޅޭ ހުރިހާ އާރްޓީއައި ރިކުއެސްޓްތަކާއި ގުޅޭ މައުލޫމާތުތައް ފަސޭހައިން ފެންނަން ހުންނާނެ އިންތިޒާމް ހަމަޖެއްސުމަށް، އިންފޮމޭޝަން އޮފިސަރުންނަށް އާންމު އެއް އީމެއިލް އެޑްރެހެއް ކަނޑައެޅުމަށްވެސް ޕީސީބީ އިން ވަނީ އެދިފައެވެ.
މީގެ އިތުރަށް ކުންފުނިން އައްޔަނުކޮށްފައިވާ އިންފޮމޭޝަން އޮފިސަރުގެ މައުލޫމާތު، ނަން، ގުޅޭނެ ނަންބަރު، އާރްޓީއައި ރިކުއެސްޓް ފޮނުވާނެ އީމެއިލް އެޑްރެސް، އާންމުންނަށް ފަސޭހައިން ފެންނާނެގޮތަށް ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކުރެވިފައި ހުންނަންވާނެ ކަމަށްވެސް ޕީސީބީ އިން ކުންފުނިތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވެއެވެ.
ޕީސީބީ އިން އިތުރަށް ބުނީ، އިންފޮމޭޝަން އޮފިސަރުގެ މަގާމަކީ، އެވަގުތު ކުންފުނީގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކަށް ހަވާލުކުރާ މަގާމަކަށް ވުމުން، އިންފޮމޭޝަން އޮފިސަރެއް އައްޔަނުކުރުމަށް ކުންފުނީގެ އިދާރީ އޮނިގަނޑު އިސްލާހުކުރަން ނުޖެހޭނެ ކަމަށެވެ. އަދި އިންފޮމޭޝަން އޮފިސަރު ކަނޑައަޅަން ވާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށްވެސް ވަނީ ބުނެފައެވެ.
ޕީސީބީ އިން ބުނީ، އެ ބޯޑުގެ ގާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން ޕީސީބީގެ ބޯޑުން އަންގާ އެންގުންތަކަށް ކުންފުނިތަކުން އަމަލުކުރުމަކީ، ގާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގެ ދަށުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލާޒިމުކަމެއް ކަމަށެވެ.