ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ ބުދަ ދުވަހު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޑިސެންބަރު 17 ވާ ބުދަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ދިވެހި ވިޔަފާރިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން އޮންނާނެ ކަމަށެވެ. ބައްދަލުވުން އޮންނާނީ ބުދަ ދުވަހުގެ ރޭ 8:30 ގަ އެވެ.

ހީނާ ވިދާޅުވީ މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ޚިޔާލާއި މަޝްވަރާ ހޯއްދަވާ ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށެވެ.

މާލޭގެ އަވަށްތަކުގެ ބައްދަލުވުންތައް ވެސް މިގޮތަށް ކުރިއަށް ގެންގޮސްފައިވެ އެވެ. މި ބައްދަލުވުންތަކުގައި އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައީސާ ހިއްސާ ކުރައްވާފައިވެ އެވެ.