ފުލުހުންގެ ތަމްރީނަށްފަހު ޚިދުމަތާއި ގުޅޭ އޮފިސަރުން ވެސް އެންމެ އިސްކަމެއް ދޭންވާނީ ރާއްޖޭގައި ކުރާ ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތްކޮށް، ރައްޔިތުން އެދޭ މިންވަރަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
41ވަނަ ފުލުހުންގެ އަސާސީ ތަމްރީން ޕްރޮގްރާމުން ދަސްވެނިވި ފުލުހުންނަށް ނަސޭހަތްތެރިވަމުން ވަޒީރު ވިދާޅުވީ، އަސާސީ ތަމްރީނަށްފަހު ދެން އިސްކަންދޭނީ، ކުށުގެ ވެށީގެ ބޮޑެތި މައްސަލަތަކާ ކުރިމަތިލުމަށް ބޭނުންވާ ޚާއްސަ ތަމްރީންތައް ހޯދާ، ދިވެހި މުޖުތަމަޢު ސަތޭކަ އިންސައްތަ ކުށުގެ ވެށިން ސަލާމަތްވެފައިވާ މުޖުތަމަޢުއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށްކަމަށެވެ.
ސަރުކާރުގެ ސިޔާސަތު މި ދާއިރާއިން ގެންގުޅެމުންދަނީ މައިގަޑު 4 ސިޔާސަތަކަށެވެ. ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވީ މިއިން ކޮންމެ ކަމެއް ގޮސް ގުޅެނީ ރައްޔިތުންނަށް ބޭނުންވާ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްކަމަށެވެ. ރައްކާތެރިކަމުގެ އިޙުސާސު ކޮންމެ ރައްޔިތެއްގެ ހިތުގައި ނުއުފުދޭހާ ހިނދަކު އެ ޢަމާޒަށް ވާސިލު ނުވެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިއިން ކޮންމެ މަސައްކަތެއްގައި ނުރައްކާތެރި މާޙައުލުތަކުގައިވެސް ފުލުހުން ހަރަކާތްތެރިވާންޖެހޭނެކަމަށެވެ. ނަމަވެސް މިއިން ކޮންމެ މަސައްކަތަކީ، ކޮންމެ މާޙައުލަކީ ރައްޔިތު މީހާއަށް ރައްކާތެރި މާޙައުލެއްކަމުގެ އިޙުސާސުކޮށްދިނުމަށް އަދާކުރާ ޤައުމީ ވާޖިބުކަމަށެވެ.
ވަޒީރު ވަނީ ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ޚިދުމަތް ދޭން ފަށާފަވާއިރު، ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ އިދާރާއެއް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް މިހާރު ފެށިފައިވާކަން ފާހަގަކުރެއްވިއެވެ. 140އަށްވުރެ ގިނަ ރަށުގައި މި މަސައްކަތް ކުރިއަށް އޮތް އަހަރެއްހާ މުއްދަތުގެ ތެރޭގައި ނިންމާނެކަމަށް ވިދާޅުވިއެވެ.