މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ދެ ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕެޝަލިސްޓް އޮޕަރޭޝަންސްގައި މަސައްކަތް ކުރަމުންދާ ފުލުހެއް ކަމަށްވާ މ.ކޮޅުފުށި، މުޙައްމަދު މައުސޫމް (22އ) ކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ ބަންދަށް ދެ ދުވަސް ޖަހާފައިވަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއަޅައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

މި ފުލުސް މީހާއަކީ ކުރިން ހައްޔަރު ބަންދުގެ ރެކޯޑެއް ނެތް މީހެއް ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

ދިވެހި ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ތިބޭ ބަޔަކަށްވާއިރު ފުލުހުންގެ ފަރާތުން މިފަދަ އަމަލުތައް ފެނިގެން ދިޔުމަކީ ރައްޔިތުންނަށް ދޭން ޖެހޭ ރައްކާތެރިކަން ދިނުމާއި މެދު ސުވާލު އުފެދޭ ކަންކަމުގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

އެގޮތުން، ގާނޫނާއި ގަވާއިދަށް ނުކިޔަމަންތެރިވެ، ގަވާއިދާއި ޚިލާފަށް އުޅެމުން އަންނަ ފުލުހުންގެ މައްސަލަތައް މިފަހުން އަންނަނީ ސޯޝަލް މީޑީއާގައި ތިލަވަމުންނެވެ.