ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅޭ ފުލުހުންނަށް ކުރިއަށްގެންދާ އަސާސީ ތަމްރީން ކޯހުގެ 41ވަނަ ބެޗުގެ ކިޔެވުން ނިންމައި ޝަރަފުގެ ހިނގާލުން ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓަރ އަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި އިހުސާންގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނާވީނާއި، ބޭރުގެ ސަފީރުންނާއި، ފުލުހުންގެ މުއައްސަސާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިދިޔަ އޯގަސްޓް މަހު އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ މަރުކަޒުގައި ފެށި މި ކޯހުގައި 210 ފުލުހުން ބައިވެރިވިއެވެ. ނަމަވެސް ކޯސް ފުރިހަމަ ކުރީ 185 ދަރިވަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ 107 ފިރިހެން ފުލުހުންނާއި 78 އަންހެން ފުލުހުންނެވެ.
ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ގއ، ގެމަނަފުށީ އުމުރުން 22 އަހަރުގެ އިމްޝާ ޢަބްދުއްލަތީފެވެ. ކޯހުގެ އެއްވަނަ ހޯދުމާއެކު، އިމްޝާއަށް ވަނީ ކޮމިޝަނަރސް އެކްސެލެންސް އެވޯޑުވެސް ލިބިފައެވެ. މި އެވޯޑު ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީނެވެ.
މި ރަސްމިއްޔާތުގައި އިންޑޯ އަދި އައުޓްޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރުންނާއި ސްކުއަޑްތަކުން އެންމެ މޮޅު ދަރިވަރުންވެސް ވަނީ ހޮވާފައެވެ. ކޯހުގެ އިންޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ، ސަރޖެންޓް މަރިޔަމް ލުއުލުއާ މުޙައްމަދެވެ. އައުޓްޑޯ މާއްދާތަކުން އެއްވަނަ ހޯދީ، ކޮންސްޓަބަލް އަލްޔާ އަހުމަދެވެ. މިފަހަރުގެ ކޯހުގައި ހުރިހާ ގޮތަކުން އެންމެ ރަނގަޅު ސްކޮޑަކަށް ހޮވިފައިވަނީ، އައިނެއްލާ ސްކޮޑެވެ.